ބަންކަރިންގެ ހިދުމަތުގައި ބޭނުންކުރުމަށް އެސްޓީއޯއިން ހޯދާފައިވާ ބިޔަ އުޅަނދެއް ރާއްޖެ ގެނެސްފިއެވެ. މިހާރު ކުޅުދުއްފުށި ބަނދަރަށް ކައިރިކޮށްފައިވާ މި އުޅަނދަކީ 4،000 މެޓްރިކް ޓަނުގެ ތެޔޮ ހިފައިގެން ދަތުރުކުރެވޭ އުޅަނދެކެވެ.
އސްޓީއޯއިން މަޢުލޫމާތު ދެއްވާގޮތުގައި މި މަހުގެ 15 ވަނަ ދުވަހު ދެވަނަ އުޅަނދެއް ރާއްޖެ ގެނައުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް އުޅަނދުތައް މީގެކުރިންވެސް ވަނީ ކުޅުދުއްފުށްޓަށް ގެންގޮސްފައެވެ.
ބަންކަރިންގެ ހިދުމަތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި ހިދުމަތް ދޭނީ ހޯރަފުށީ ފަރާ ދިމާލުން އޮފްޝޯކޮށެވެ. މި ހިދުމަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އެސްޓީއޯ އާއި އެމްޕީއެލްއެވެ. ބަނދަރެއް ނެތް ނަމަވެސް ކަނޑުމަތިން ސީދާ ބޯޓުތަކަށް ބޭނުންވާ ހިދުމަތް ދެވޭނެއެވެ.
ބަންކަރިންގެ ހިދުމަތް ފެށުމާ ގުޅިގެން، ހއ. އިހަވަންދޫގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށްވެސް މިހާރު ވަނީ އިޢުލާންކޮށްފައެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރުގައި 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށާއި، މީގެތެރެއިން އެއް ޕަސެންޓް ބޯޓަށް ބަންކަރިންގެ ހިދުމަތް ދިން ނަމަވެސް ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު ފުރަތަމަ އަހަރުވެސް ލިބޭނެ ކަމަށެވެ.
ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫޢު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާ ދެމެދު މިދިޔަ މާޗް 13 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ.









