ރާއްޖޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން އާ ބާވަތެއްގެ ސައިބަރ ފޭރުމެއް އިމިގްރޭޝަން ޔުނީފޯމުގައި ތިބި ބަޔަކު ފަށައިފި ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
މި ފޭރުމުގައި އެމީހުން އަމާޒު ހިފަނީ ރައްޔިތުންގެ އަމިއްލަ މަޢުލޫމާތާއި ބޭންކް އެކައުންޓްގެ ތަފްސީލުތަކަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ފޭރުން ހިންގަނީ ޕާކިސްތާނުގެ ނަންބަރެއް ކަމަށްވާ 1077883 348 92+ އިން ވަޓްސްއެޕް ވީޑިއޯ ކޯލް މެދުވެރިކޮށެވެ. ވީޑިއޯ ކޯލްގައި ފެންނަނީ އިމިގްރޭޝަން ޔުނީފޯމު ލައިގެން، ފޭސް މާސްކު އަޅައިގެން ތިބޭ ބައެކެވެ. އަދިއެހެންމެ އެމީހުން ތިބޭ ތަނުގެ ފަހަތުގައި އިމިގްރޭޝަންގެ ބެކްޑްރޮޕެއް ހުރެއެވެ.
އެމީހުން އާންމު ގޮތެއްގައި އެދެނީ ފުރަތަމަ އައިޑީ ކާޑުގެ މަޢުލޫމާތު ހިއްސާކުރުމަށާއި އޭގެ ފަހުން ބޭންކް އޮފް މޯލްޑިވްސްގެ ކާޑުގެ މަޢުލޫމާތު ހޯދުމަށްކަމުގައި ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރައްޔިތުންނަށް އިރުޝާދުދީ، ބޭންކް އޮފް މޯލްޑިވްސް، އިމިގްރޭޝަން އަދި ފުލުހުން ވެސް ބޭރުގެ ނަންބަރަކުން މި ބާވަތުގެ މަޢުލޫމާތު ހޯދުމަށް ނުގުޅާނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ރައްޔިތުންނަށް މި މަޢުލޫމާތު ވީހާވެސް ގިނަ ބަޔަކާ ހިއްސާކުރުމަށް އެދިފައެވެ. އަދި މިފަދަ ކޯލެއް އަތުވެއްޖެނަމަ ވަގުތުން ފުލުހުންނަށް އެންގުމަށް އިރުޝާދު ދީފައިވެއެވެ.









