މިދިޔަ ހަފްތާގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އަށް ކިރުވާފައިވާ މަހުގެ އަދަދު 12.5% އިތުރުވެއްޖެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގޮތުގައި މިދިޔަ ހަފްތާގައި 467 ޓަނުގެ މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި ކިރުވާފައިވަނީ 415 ޓަނުގެ މަހެވެ.
މިދިޔަ ހަފްތާގައި މަސް ކިރުވި ދޯނިފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 192 ދޯނިން މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި މަސް ކިރުވާފައިވަނީ 119 ދޯނިންނެވެ. މިއީ 73 ދޯނީގެ އިތުރުވުމެކެވެ.
މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން ވަނީ މަސްވެރިންނަށް ކްރެޑިޓަށް އައިސް ދޫކުރަން ފަށާފައެވެ. މިގޮތުން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް އައިސް ދޫކުރެއެވެ. ކްރެޑިޓަށް އައިސް ގަންނަ ދޯނިފަހަރުން މަސްކިރުމުން، އެއަށްވާ ފައިސާ މަސްކިރާ ބިލުން އުނިކުރެވޭނެ ކަމަށް މިފްކޯއިން ބުނެއެވެ.
މީގެ އިތުރުން، މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން އަވަސްކުރުމަށްޓަކައި، މިފްކޯއަށް ކިރުވާ މަހަށް އެންމެ ލަސްވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 3 ސެޕްޓެމްބަރާ ހަމައަށް މަސްވެރިންނަށް 1.1 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިންނަށް މަސް ކިރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން މިފްކޯގެ މަސްބޯޓުތަކާއި ކަލެކްޝަން ސެންޓަރުތަކުން މަސް ކިރުމުގެ ޚިދުމަތް ދެމުން ގެންދެއެވެ.









