އެކުވެރިކަމުގެ މުހިންމު މެޗެއްގައި ކެނެޑާއިން އެމެރިކާ ބަލިކޮށްފިއެވެ.
އެމެރިކާގެ ކެންސަސް ސިޓީގައި ކެނެޑާއިން މިމެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.
މިއީ 67 އަހަރަށްފަހު ކެނެޑާއިން ދެކުނުގެ ވާދަވެރިންގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. ކެންސަސް ސިޓީގައި މި މޮޅާއެކު ޖެކޮބް ޝަފަލްބާގް އާއި ޖޮނަތަން ޑޭވިޑްގެ ލަނޑުތަކުން ކެނެޑާއަށް މި ލިބުނީ ތާރީހީ މޮޅެކެވެ.
ކެނެޑާއިން މެޗުގެ ކުރީކޮޅު ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައި ޖެކޮބް ޝަފަލްބާގްގެ ގޯލަކުންނެވެ. ދެވަނަ ހާފުގައި ޖޮނަތަން ޑޭވިޑް ވަނީ މެޗުގެ 58 ވަނަ މިނެޓުގައި ސްކޯ 2 އަށް ބަދަލުކޮށްފައެވެ.
އެމެރިކާގެ ޓީމަށް ލަނޑު ޖަހައިދިނީ މެޗުގެ 66 ވަނަ މިނެޓްގައި ލޫކާ ޑެ ލާ ޓޯރޭ އެވެ.
މި ބަލިވުމަކީ ދާދި ފަހުން ގްރޫޕް ސްޓޭޖުގައި ކޮޕާ އެމެރިކާއިން ކަޓައިގެން ދިޔަ އެމެރިކާގެ ގައުމީ ޓީމަށް މިހާރު ކުރިއަށްދާ އުނދަގޫތަކަށް ލިބުނު އިތުރު ބުރައެކެވެ. ކޮޕާއެމެރިކާގައި ގުރޫޕް ސްޓޭޖުން ކެޓުމުން އެމެރިކާގެ ފުޓުބޯޅަ އިދާރާއިން ވަނީ ކޯޗު ވެސް ޓީމުން ބޭރުކޮށްލާފައެވެ. އާ ކޯޗާއެކު ކެނެޑާ އާއިދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވި މިބައްޔަކީ ތާރީހީ ބައްޔެކެވެ.
މި ދަށް ކުޅުމުގެ ސަބަބުން ކޯޗިން ސްޓާފުން ލޮޅުން އަރާފައިވާއިރު، މިހާރުގެ ކޯޗަކީ ދާއިމީ ކޯޗެއް ނޫނެވެ. މިބައްޔަކީ އެމެރިކާއިން ކޯ ހޯސްޓްކުރާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ޓީމަށް ކުރިމަތިވި ކަންބޮޑުވުމެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ ޓީމާއި ދެން ހަވާލުވާނީ ޗެލްސީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއެވެ.






