އާންމުވި ވީޑިއޯގައި ފަލަސްތީނު ރައްޔިތުން ބިިންމަތީގައި ބަންޑުން މޫނުވަތަށް ބައިތިއްބާފައިވާއިރު އަތްތައް ވަނީ ފުރަގަހަށް ބަނދެފައެވެ. ނުވަތަ ކްލިޕް އަޅުވާފައެވެ. އިސްރާއީލުގެ ޖަލުގައި އެހެން ބޭތިއްބުމަށްފަހު މުސްލިމުންގެ ބޮލަށް ފައިން އަރައި ގައިގައި ތަޅައި އަނިޔާކޮށް ހަދައެވެ.
ވަރަށް ފަހުން ވެސް ފަލަސްތީނުގެ އާޓިސްޓަކު ޖަލަށް ގެންގޮސް ޓޯޗާކުރުމުގެ ސަބަބުން އޭނާ ދުނިޔެއިން މޮޔަވިކަން ބައިނަލްއަޤްވާމީ މަސްދަރުތަކުން ފާހަގަކޮށްފައިވައިރު، އިސްރާއީލުން ފަލަސްތީނުގެ ގައިދީންނާއި ދޭތެރޭ ދިގުމުއްދަތެއްގެ އަނިޔާވެރި ސިޔާސަތުތައް އެމީހުންގެ ޖަލުތަކުގައި ތަންފީޒުކުރާކަން ޕީޕީއެސް އިން ތުހުމަތު ކުރެއެވެ. އިސްރާއީލު ސަރުކާރުން، ޚާއްސަކޮށް ކަނާތުފިޔައިގެ މިނިސްޓަރު އިޓަމާ ބެން ގްވީރުގެ ވެރިކަމުގައި، ބަންދުގައި ތިބި މުސްލިމުންނަށް ކުރާ އަނިޔާ އިތުރަށް ވަރުގަދަކޮށްފައިވާކަން ފާހަގަކުރި އެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ސްޓްރެޓެޖިކް ގޮތެއްގައި އެފަދަ ފޫޓޭޖްތައް "ލީކް" ކުރަނީ ފަލަސްތީނުގެ އާބާދީގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށެވެ.
ޕީޕީއެސް އިން އިތުރަށް ތުހުމަތު ކުރި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހިނގި ހަމަނުޖެހުމަށް ފަހު ފަލަސްތީނުގެ ގައިދީންނަށް ކުރާ އަނިޔާ މިހާރު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
ސެޕްޓެމްބަރު 2024 ގެ ނިޔަލަށް އިސްރާއީލުގެ ޖަލުތަކުގައި 9،900 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ބަންދުކޮށްފައިވާއިރު، އިންސާނީ ހައްގުތަކާ ޚިލާފުވަމުން އަންނަ މި މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.
ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާ (ޕީޕީއެސް) އިން ވަނީ މިމައްސަލާގައި އދ.ގެ އަވަސް ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.









