ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ޖިގްރާ" އަންނަ މަހުގެ 19 ވަނަ ދުވަހު ޕްރިމިއާކުރުމަށް ވަނީ ނިންމާފައެވެ. މި ފިލްމަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމެކެވެ.
ފިލްމުގެ ދެ ޕޯސްޓަރާއި ރިލީޒް ތާރީޚު ވަނީ ހާމަކޮށްފައެވެ. މި ޕޯސްޓަރުތަކުގައި ފެންނަނީ ފިލްމުގެ މައިގަނޑު ދެ ލީޑު ރޯލު އަދާކުރާ އާލިއާ ބަޓާއި ބޮލީވުޑަށް އަލަށް ތަޢާރަފުވާ ވެދަންގް ރައިނާއެވެ. މިއީ ވެދަންގްގެ ދެވަނަ ފިލްމެވެ. އަދި ސިނަމާގައި އަޅުވާ އޭނަގެފު ރަތަމަ ފިލްމެވެ. އޭނާގެ ފުރަތަމަ މަސައްކަތަކީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ދި އާޗީސް" އެވެ.
"ޖިގްރާ" ގެ ޑައިރެކްޓަރަކީ "މޮނިކާ އޯ މައި ޑާލިން" އަދި "މަރުދު ކޯ ދަރުތު ނަހީ ހޯތާ" ފަދަ ފިލްމުތައް ޑައިރެކްޓްކުރި ވަސަން ބާލާއެވެ. މި ފިލްމުގައި ދައްކާނީ ދައްތައެއްގެ ހިތުގައި އޭނާގެ ކޮއްކޮއަށް އޮތް ލޯތްބާއި، ކޮއްކޮއަށްޓަކައި ދައްތަ ވާ ގުރުބާނީގެ ވާހަކައެވެ.
އާލިއާއާއެކު މި ފިލްމު ޕްރޮޑިއުސްކުރުމުގައި ބައިވެރިވަނީ ކަރަން ޖޯހަރު، އަޕޫރުވާ މެހެތާ އަދި ސޮމަން މިޝްރާއެވެ.
"ޖިގްރާ" އަކީ އާލިއާ ބަޓްގެ ފިލްމީ ކެރިއަރުގައި އައު ހަރުފަތަކަށް އަރާ ފިލްމެއްގެ ގޮތުގައި ބެލެވެއެވެ. އެއީ އޭނާ އެކްޓްކުރުމުގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ފުރަތަމަ ފިލްމު ކަމަށްވާތީއެވެ. ފިލްމު ލޯންޗްވުމާއެކު، ބޮލީވުޑް ލޯބިވާ ފަރާތްތަކުން މި ފިލްމަށް ބޮޑު އިންތިޒާރެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.









