ރައީސް މުޙައްމަދު މުޢިއްޒުގެ އެންގުންތައް ފުލުހުން ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށް ދިފާއީ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިޅުފެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން ރައީސް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ބާރަށް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނަށް ބަދަލުގެނައުމާއި، ހުޅުމާލޭގައި ރޭސިންގ އަދި ޑްރިފްޓިންގއަށް ދީފައިވާ ހުއްދަ ބާޠިލުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ލައިސަންސް އަތުލުމާއި، ހުޅުމާލޭގައި ސްޕީޑް ބްރޭކަރާއި ކެމެރާ ހަރުކުރުމާއި، މަގުމަތީގެ ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރުން ވެސް ހިމެނެއެވެ.
ދިފާއީ ވަޒީރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މި އެންގުންތައް ފުލުހުން ފުރިހަމައަށް ތަންފީޒުކުރާނެއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މި އެންގުންތައް ތަންފީޒުކުރާނެކަމަށް ވިދާޅުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މިއެންގެވުންތައް ދިވެހި ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރައްވާނެ." އިހުސާން ވިދާޅުވިއެވެ.
މި ފިޔަވަޅުތަކަކީ މާލެ ސަރަހައްދުގައި އިތުރުވަމުންދާ އެކްސިޑެންޓްތަކާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އެކްސިޑެންޓްތައް މަދުވާނެ ކަމަށް އުންމީދުކުރެވެއެވެ.









