ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނު ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލޭ ފޭސް 2 ގައި ދުއްވަމުން ދިޔަ ސައިކަލަކާއި ކާރަކާ ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި ފަރާތަށް މިވަގުތު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.
"މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިޔަސް އަނިޔާތަކެއް ވެފައިވޭ. އަދި މިވަގުތު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުން." ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި މިފަދަ އެކްސިޑެންޓުތައް އިތުރުވަމުން ދިއުމާއެކު، މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ރޭސް ކާރުތަކުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް ގިނަވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޭސް ކާރެއްގައި ޖެހި އެކްސިޑެންޓުވި ކަރެކްޝަންސްގެ އޮފިސަރަކު ވަނީ ނިޔާވެފައެވެ.
މި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބާރަށް ދުއްވާ ވެހިކަލްތައް ޓޯކޮށް، ޑްރައިވަރުގެ ލައިސަންސް ހިފެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.









