ފަހަކަށް އައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ އަޅުގަނޑުމެންގެ ލޯބިވާ އެތައް ބަޔަކު މިދުނިޔެއާއި ވަކިވެ ލޯތައްމަތިން ގެއްލިއްޖެއެވެ. މިސަބަބާއިހެދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ހުކުރު ދުވަހުގެރޭ ކުއްލި އަދި އަވަސް ފިޔަވަޅުތަކެއް ތަންފީޒުކޮށްފަ އެވެ. ދިވެހިރާއްޖޭގެ މަގުތައް ރައްކާތެރި ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ޓްރާންސްޕޯޓް މިނިސްޓަރަށް ވެސް ވަނީ މުހިއްމު ފިޔަވަވަޅުތަކެއް އެޅުއްވުމަށް ލާޒިމް ކޮށްފައެވެ.

ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާ އަޅަން ނިންމާފައިވާ ފިޔަވަޅުތައް
މީގެތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ހުޅުމާލޭގައި ރޭސިން އާއި ޑްރިފްޓިން އަށް ބޭނުން ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން ހުއްދަ ބާތިލް ކުރުމެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ދޫކޮށްފައިވާ އެ ހުއްދަ ބާތިލްކޮށްފައި ވަނީ، އެކަމުގެ ސަބަބުން ޒުވާނުން އާންމު މަގުތަކަށް ނުކުމެ ގަވާއިދާ ހިލާފަށް ދުއްވައި ފުރާނައަށް ނުރައްކާވާ އެތައް ހާދިސާތަކެއް ހިނގާފައި ވާތީވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކުރުމަށެވެ.
ބާރަށް ދުއްވުމާއި ދެކޮޅަށް ސާފު މެސެޖެއް
ރައީސް ޑރ.މުއިއްޒު އަމުރުފުޅަކީ ގަވާއިދާ ހިލާފަށް ދުއްވާ މީހުންނަށް ދެވޭ ވަރުގަދަ މެސެޖެއް: އެހެން މީހުން ނުރައްކަލުގެ ތެރެއަށް ވައްޓާލާ މީހުންނަށް ދުލެއް ނުދެވޭނެއެވެ. އެހެންކަމުން ރައީސްގެ މުހިންމު އެއް އިރުޝާދުގެ ތެރޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ އުޅަނދުތަކަށް ވަގުތުން ފިޔަވަޅު އެޅުން ހިމެނެ އެވެ. ބާރު ސްޕީޑުގައި ދުއްވާ ޑްރައިވަރުންނަށް ހަރުކަށި އަދަބުތަކެއް އަންނާނެ ކަމަށާއި އޭގެ ތެރޭގައި ލައިސަންސާއި އަދި ވެހިކަލް ވެސް ހިފެހެއްޓުން ހިމެނެ އެވެ.
އަދި ބާރަށް ދުވާ ވެހިކަލް ނުވަތަ ވަކި ހޯސްޕަވަރ (ސީސީ) އަށްވުރެ މަތީގެ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް އިސްލާހުތަކެއް ގެނައުމަށް ވެސް ރައީސް ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އަންގަވާފައެވެ. މި ފިޔަވަޅު އަމާޒުކޮށްފައިވަނީ ބާރު ދުވެލީގައި ދުއްވާ ކާރުތަކާއި ސައިކަލްތަކުގެ ޓްރެންޑެއް ވެސް އޮތުމުން އެފަދަ އުޅަނދުތަކުގެ ދުވެއްޔަށް ވެސް ބާރު ފޯރުވުމަށެވެ. ސަބަބަކީ އަޅުގަނޑުމެންގެ ފުރާނަތައް ސަލާމަތް ކުރުމަށެވެ.

ހުޅުމާލޭގައި ޑްރިފްޓުކުރަން ބޭނުންކުާ ސައިކަލެެއް - ފޮޓޯ: ރޭސިންގ އެސޯސިއޭޝަން
ރައްކާތެރި، ހަމަހިމޭން ރާއްޖެ
ސްޕީޑުގެ އިތުރުން، މޮޑިފައިޑް ވެހިކަލްތަކަށް ވެސް ރައީސް ގެންދަވަނީ އަލިއަޅުވާލައްވަމުންނެވެ. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށް އެމަނިކުފާނު ވަނީ މަޖިލިސް މެމްބަރުންނަށް އަންގަވާފައެވެ. ސައިލެންސަރުތައް ބަދަލުކުރުމުގެ ތެރެއިން އަޑު އިތުރުކުރުމަށް އުޅަނދުތަކަށް ބަދަލު ގެނެސްދޭ ޑިވައިސްތައް އެތެރެކުރުން މަނާކުރުމުގެ ފިޔަވަޅުތަކުގެ މަގުސަދަކީ، އަޑުގަދަ، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކުގެ އުދަނގޫތަކުން ސަލާމަތްވެ، ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމްކުރުމެވެ.
ފުލުހުންގެ ޕްލޭނަށް އަވަސް ރައްދު - އިންފްރާސްޓްރަކްޗަރ
ރައީސް ޔާމީނުގެ ވެރިކަމުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މުޅި ހުޅުމާލެއާއި މާލެ ސީސީޓީވީ ކެމެރާތަކުން ފުރިހަމަޔަށް ގުޅާލަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވިއެވެ. އެހެންނަމަވެސް، ފުލުހުން ހުށަހަޅާފައިވާ ފުރިހަމަ ޕްލޭން މިސަރުކާރުން ތަންފީޒުކުރަން ނިންމައި ރައީސް ވަނީ މި ޕްލޭންގެ ތެރޭގައި ހިމެނޭ ހުޅުމާލޭގެ ކްރިޓިކަލް 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރާއި ސްޕީޑް ޑިޓެކްޝަން ކެމެރާ ހަރުކުރުމަށް އަންގަވާފައެވެ. މި ސޭފްޓީ ފީޗާސްތައް ތަންފީޒުކޮށްގެން ސަރުކާރުން ގެންދަނީ ބާރު ސްޕީޑްގައި ދުއްވުން މަދުކުރުމަށާއި އެކްސިޑެންޓްތައް ހިނގުމުގެ ކުރިން އެކްސިޑެންޓްތައް ހުއްޓުވުމަށް ޙަރަކާތްތެރި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ޑްރައިވަރުންގެ ގަވާއިދު އިސްލާހުކުރުން
މަގުމަތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން ރައީސް މުއިއްޒު ވަނީ ގްރެޖުއޭޓް ލައިސަންސް ނިޒާމެއް ތައާރަފް ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. މި އާ އުސޫލުގެ ސަބަބުން ގަވާއިދާ ހިލާފުވާ ޑްރައިވަރުންނަށް އެމީހުންގެ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދަބު ދިނުމާއި، ތަކުރާރުވާނަމަ ގަވާއިދާއި ހިލާފަށް ދުއްވާ މީހުންނަށް އެމީހުންގެ އަމަލުތަކަށް ބަލައި ވަކި މުއްދަތެއް ވަންދެން އެއްގަމު ދުއްވާ އުޅަނދުތައް ނުދުއްވޭނެ ގޮތްވެސް ހެދޭނެއެވެ. މި ފިޔަވަޅުގެ ބޭނުމަކީ ދުއްވުމުގައި ފަރުވާކުޑަ ނުވުމަށާއި އަޅުގަނޑުމެން ރައްޔިތުން ހިމާޔަތްކުރުމަށެވެ. މި ނިޒާމަކީ ވަރަށް މުހިންމު ނިޒާމަކަށް ވާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ޖުލައި މަސްތެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިމެނޭ ކާރު. ކާރު ދުއްވަން އިން މީހާ ވީ ފުލުހުންގެ ބެލުމުގެ ދަށުގައި
ތަންފީޒުކުރުން ހަރުދަނާކުރުން
މުޅި ދިވެހިރާއްޖޭގައި ޓްރެފިކް ގާނޫނުތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރުމަށް ރައީސް ގޮވާލައްވައެވެ. އެމަނިކުފާނު ވަނީ މަގުތައް ޕެޓްރޯލްކޮށް، ގަވާއިދުތައް އިތުރަށް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައެވެ.
އާންމު ރައްކާތެރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވައުދު
ރައީސް ޑރ. މުޢިއްޒުގެ އަމަލުފުޅުތަކުން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެމަނިކުފާނު ވިސްނަވާވަޑައިގަންނަވާ މިންވަރެވެ. އެމަނިކުފާނުގެ މި ފިޔަވަޅުތަކުގެ މަގްސަދަކީ ބަލަންވީ މިންވަރަށް ނުބަލައި ދުއްވުމުން ކުރިމަތިވާ ނުރައްކާތަކަށް ހައްލެއް ހޯދުމުގެ އިތުރުން ފުރާނަ ސަލާމަތްކޮށް، ރާއްޖޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި މަގުތަކެއްކަން ކަށަވަރުކޮށްދޭނެ ދިގު މުއްދަތުގެ ހައްލުތައް ހޯދައިދިނުމެވެ. މި މަސައްކަތްތައް އަމިއްލައަށް މޮނިޓަރ ކުރައްވައި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވަނީ ރައީސްގެ ޝުއޫރުތައް ތަކުރާރުކޮށް، އަމުރުތަކަށް ތަބާވެ، ލަސްނުކޮށް އަޅަންޖެހޭ ގާނޫނުތަކާއި ތަންފީޒުކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އާ ގަވާއިދަށް ތަބާވެ، ދިވެހިރާއްޖޭގެ މަގުތައް އެންމެންނަށް ރައްކާތެރިކޮށްދިނުމަށް ގުޅިގެން މަސައްކަތްކޮށް، ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
މި ފުރިހަމަ ފިޔަވަޅުތަކާއެކު، ދިވެހި ސަރުކާރުން ދަނީ ރައްޔިތުން ރައްކާތެރިކޮށް، އިތުރު މުސީބާތްތައް ހުއްޓުވުމަށް މުހިންމު ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. ދިވެހިރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަދި އެންމެނަށް އަމާން ތަނަކަށް ހެދުމަށެވެ. މަގުމަތީގެ އެކްސިޑެންޓުތަކުން އަޅުގަނޑުމެންގެ ފުރާނަތައް ރައްކާތެރި ކުރުމަށްޓަކައެވެ.









