ހުޅުމާލޭގައި ރޭސިންއާއި ޑްރިފްޓިންއަށް ދީފައިވާ ހުއްދަ ރައީސް ބާޠިލުކުރައްވައި ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަމުރުކުރައްވައިފިއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެފަރާތްތަކަށް އެޅޭނެ ފިޔަވާޅުތައް ވަނީ ތަފްސީލު ގޮތެއްގައި ބަޔާންކުރައްވާފައިއެވެ.
މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށް ރައީސް މުޢިއްޒުގެ އަންގަވާފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ރޭސިންގ އަދި ޑްރިފްޓިންގއަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުމަށާއި، ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްވެސް އަންގަވާފައިވެއެވެ.
ރައީސްގެ އަމުރުގައި، ވަކި ހޯސްޕަވަރ އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމަށާއި، އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް ސައިލެންސަރު ބަދަލުކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ވެސް އަންގަވާފައިވެއެވެ.
ހުޅުމާލޭގެ މަގުމަތި ތަރުތީބުކުރުމަށް ފުލުހުން ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުމަށާއި، 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ އަދި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުމަށްވެސް ރައީސް އަންގަވާފައިވެއެވެ.
އަދި ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުމަށާއި، މަގުމަތީގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްވެސް ރައީސް އަންގަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މި އަލަށް ތަޢާރަފުކުރެވޭ ފިޔަވަޅުތަކަކީ އެކްސެލެރޭޓެޑް ސްޕީޑުގައި ދުއްވާ އުޅަނދުފަހަރު ނިޔަމަކުރުމަށާއި، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައެވެ. މީގެ އިތުރުން، މި ފިޔަވަޅުތައް ތަންފީޒުކުރެވެމުންދާ ގޮތާއި އޭގެ ނަތީޖާ ވަރަށް ގާތުން ދިރާސާކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވިއެވެ.









