ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީއަށް މިއަދު ހެނދުނު އިސްރާއީލުން ދިން ވައިގެ ހަމަލާ ތަކުގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުން މިއަދު ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޒަޚަމްވި ގިނަ އަދަދެއްގެ ބަޔަކު އަވަށްޓެރި ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަލަސްތީނުގެ ރެޑް ކްރެސެންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާން ޔޫނިސްގެ މެދުތެރޭގެ މަގުތަކަށް ވެސް އިސްރާއީލުން އަވަނީ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި ވެސް ގިނަ ބަޔަކަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފަލަސްތީން ރެޑްކްރޮސެންޓުން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 40،878 މީހުން ޝަހީދުވެފައިވާއިރު، 94،454 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވާއިރު، އެތަންތަނަކަށް އިމަޖެންސީ އަދި ސިވިލް ޑިފެންސް ޓީމުތަކަށް ނުވަދެވެއެވެ.









