ރޭސް ކާރުތައް ނުބައްދަލު ދުވެލީގައި ދުއްވާތީ މައުސޫމް އެތައް ފުރާނައެއް ގެއްލެމުން ދާކަމަށް ވިދާޅުވެ، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަތީން މިހެން ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ރޭ ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
"ލިބޭ އާމްދަނީއާ ނުބައްދަލު އަގު ބޮޑެތި ރޭސްކާރު ތަކެވެ. މާލެއާ ހުޅުމާލޭގެ މަގުތަކާ ނުބައްދަލު ދުވެއްޔެވެ. ގެއްލި ދަނީ މަޢުސޫމް އެތައް ފުރާނައެކެވެ. ހަލާކު ވެގެންދަނީ އެތައްބައެއްގެ ދިރިއުޅުމެވެ. ހައްތާވެސް ހައްލު ބޭނުންވާ ކަންކަމެވެ." މަތީން ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ފުލުހުންގެ މަޢުލޫމާތު ދެއްވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 02:48 ގައި ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިންނެވެ. މި ހާދިސާގައި ރޭސް ކާރަކާއި ސައިކަލެއް ޖެހުމުގެ ސަބަބުން 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި ކާރު ދުއްވި 26 އަހަރުގެ ފިރިހެނާ ވަނީ ހައްޔަރުކުރެވިފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ މަގުމަތީގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބާރު ދުވެލީގައި ކާރު ދުއްވުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.









