ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވި މީހާ ހައްޔަރުކޮށް އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި ސައިކަލު ދުއްވަމުން ދިޔަ ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހް (23އ) ވަނީ ނިޔާވެފައެވެ. ސަމާހް ނިޔާވެފައިވަނީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމަކީ އެކްސިޑެންޓްގައި ހިމެނުނު ކާރު ދުއްވަމުން ދިޔަ ފަރާތް ކަމަށް ބެލެވެއެވެ.
މި ހާދިސާގައި ސަމާހްއަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.









