މިފަހުން ހިނގި ނުރައްކާތެރި ރަހީނު މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގުގައި ބަންދު ކޮށްފައި ވަނިކޮށް އަމިއްލައަށް ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްތްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް މިއަދު ފޮނުވައިފި ކަމަށް ފުލުހުން ބުނެފިއެވެ.
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރަން އުޅުނު މައްސަލައިގައި ފުލުހުން އަތަރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހަކު އޭނާގެ ބޮލުގައި ޖަހާ ބިންމައްޗަށް ވައްޓާލި އެވެ. އަދި އަނިޔާވެފައި ވާތީވެ، ފުރަތަމަ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލީއެވެ. ނަމަވެސް ފަހުން އޭނާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނީ ފިޓްޖެހުމުގެ ސަބަބުން ފުލުހުން ދޫނިދޫއަށް ބަދަލުކުރުމުގެ ކުރިންނެވެ.
ދޫނިދޫ ޖަލުގައި އޭނާ މަރުވި ފޫޓޭޖްތަކާއި އެކު، ރަހީނު ކުރަން އުޅުނު މަންޒަރު ފެންނަ ވީޑިއޯއަކާއި، އެ އަންހެން މީހާއާ މުއާމަލާތް ކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ ވީޑިއޯއެއް ނޫސްވެރިންނަށް ދެއްކިއެވެ. ފޫޓޭޖް މީޑިއާއަށް ދެއްކުމުގެ ކުރިން އެންމެ ފުރަތަމަ އަތުހަރުގެ އާއިލާއާ ހިއްސާކުރި އެވެ.
އަތުހަރުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމް އިން ދަނީ ތަހުގީގު ކުރަމުންނެވެ.









