ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އާ މެންބަރުންގެ ގޮތުގައި މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަން ސަރުކާރުން ހުށަހަޅައިފި އެވެ. އެ ބަދަލުތައް ފާސްކުރުމަށް ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު ޖަލްސާގެ ކުރިން ގައުމީ ބޭންކުން ވަނީ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ކަށަވަރުކޮށްދީފަ އެވެ.
ޝާހިދު ވަނީ މީގެ ކުރިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު އަދާކުރައްވައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
ޝާހިދަކީ އާފަތިސް ނޫހުގެ ކުޅިވަރު ޚަބަރުތައް ލިޔުމުގައި ވެސް އުޅުއްވި ފުންނާބު އުސް ކުޅިވަރު ދިރާސާކުރާ ބޭފުޅެކެވެ.
މިހާރު ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ޕްރޮޖެކްޓްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިރުފާނަކީ މާލީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ބޯޑަށް ބަދަލު ގެނައީ ދާދި ފަހުން އެ ބޭންކުން ގެންނަން އުޅުނު "ފައިނޭންޝިއަލް ބަޣާވާތެއް" ސަރުކާރުން ހުއްޓުވާލުމަށްފަހު، ބީއެމްއެލްއަށް ސަރުކާރުގެ ނުރުހުމާ ކުރިމަތިވި މައްސަލައަކާ ގުޅިގެންކަން ފާހަގަ ކުރެވެއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިރުޝާދުތަކަށް ފަހު ބޭންކުން "ބަޣާވާތުުގެ ނިންމުން" ވަރަށް އަވަހަށް އަނބުރާ ގެންދިޔަ އެވެ.
ފިޝަރީޒް މިނިސްޓަރ ޝިޔާމާއި އެނޫންވެސް ގިނަ ޢަދަދެއްގެ ސަރުކާރުގެ ވަޒީރުންނާއި މަޖިިސް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި ބޭންކުން ގެންނަން އުޅުނު ބަޣާވާތަކީ އިދިކޮޅު ފަރާތްތައް އެކަމުގެ އަޑީގައި ތިބެގެން ހިންގި ކަމެކެވެ. އެމައްސަލަ ފުލުހުން މިހާރު ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.









