މާލެ ސަރަޙައްދުގެ ފެނާ ނަރުދަމާ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއްކަމަށް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ އިއްޔެ ހުޅުމާލޭގައި ބޭއްވުނު 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މާލޭގައި ދުވާލަކަށް 24,000 ޓަނުގެ ފެން ބޭނުންވާއިރު، ހުޅުމާލޭގައި 12,000 ޓަނުގެ ފެން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެމްޑަބްލިޔުއެސްސީއަށް އެހީތެރިވެ، މާލެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަންވެސް ވިދާޅުވިއެވެ.

"ބޮޑެތި އިމާރާތްތައް އެޅުމެއް ނޫން މުހިއްމީ. ރައްޔިތުންނަށް ފޯރުކޮށްދެ އަސާސީ ޚިދުމަތްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން މުހިއްމީ. ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފޯރުކޮށްދެން ޖެހޭ އަސާސީ ޚިދުމަތް ރަނގަޅަށް ފޯރުކޮށްދިނުމަށް ދޭން ޖެހޭ ވަޞީލަތްތައް ފޯރުކޮށްދީ ރައްކާތެރިކަން ކަށަވަރުކުރުން" އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭގެ ބިމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި، 2018 ގައި ސިނަމާލެ ބްރިޖް ހުޅުވިއިރު މާލެއާއި ހުޅުމާލެއާ ދެމެދު ފެން ފޯރުކޮށްދޭ ހޮޅިއެއް އަޅާފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ވޭތުވެދިޔަ 5 އަހަރު އެ ހޮޅި ބޭނުންކުރުމަށް ސަރުކާރުން ސަމާލުކަން ދީފައިނުވާކަން ފާހަގަކުރެއްވިއެވެ.

މިހާރު ބްރިޖް މެދުވެރިކޮށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މި ނިޒާމުގެ ސަބަބުން ފެނަށްޖެހުން ފަދަ ކަމެއް ދިމާވިޔަސް، މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެކަމަށް ވަޒީރު ޔަޤީންކަން ދެއްވާފައިވެއެވެ.