ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤުބަލާމެދު ޤައުމުގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ މާލީ އަދި އިދާރީ ދަތިތަކުގެ ސަބަބުން، ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. މި ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ހޯދުމަކީ ކުޅިވަރުގެ ދާއިރާއަށް ނުހަނު މުހިންމު ކަމެކެވެ.
އެފްއޭއެމްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނާއި ވެރިންނަށް މުސާރަ ނުލިބި، ގިނަ މުވައްޒަފުން ވަޒީފާއިން ވަނީ ވަކިވެފައެވެ . މީގެ އިތުރުން، އެސޯސިއޭޝަންގެ ހިންގާ ރާވާ ޑިޕާޓްމަންޓް ވެސް ވަނީމުޅިން ހުއްޓުމަކަށް އައަސްފައެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލްގެ ވެރިކަމުގައި ނިންމާފައިވާ ނިންމުންތަކުގެ އިދާރީ ލިޔެކިޔުންތައް ނެތުމާއި، އެކިއެކި ކުންފުނިތަކުން މަކަރާއި ހީލަތުން ނަގާފައިވާ ފައިސާ ވީގޮތެއް ނޭނގުމާ ގުޅިގެން، ދައުލަތުން ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގގެ ތުހުމަތުތައް ކުރިއަށް ގެންދަން ފަށާފައެވެ. ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލިއިރު، ހުރިހާ ކުލަބުތަކަށް 3 މިލިއަން ރުފިޔާ ދޭން ވައުދުވެފައިވާކަމަށް ބުނެފައިވީ ނަމަވެސް، ބައެއް ކުލަބުތަކުން ވަނީ މި ފައިސާ ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި މި ވައުދާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
ފީފާއިން އެފްއޭއެމް ނޯމަލައިޒް ކޮށްފައިވީ ނަމަވެސް، އަދިވެސް އެކުލަވާލެވުނު އައު ކޮމިޓީއިން އެއްވެސް އަމަލީ މަސައްކަތެއް ފަށާފައިނުވެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން، ރާއްޖޭގެ ފުޓްބޯޅައަށް ވަނީ ބޮޑު ހުއްޓުމެއް އައިސްފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބައްސާމް އަދި އެފްއޭއެމްގެ މައްޗަށް ޚިޔާނާތުގެ ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. މި ތުހުމަތުތަކުގެ ތެރޭގައި، 2018 އިން 2023 އަށް ފީފާއިން އެފްއޭއެމްއަށް ދެއްވި 12.4 މިލިއަން ޑޮލަރުގެ އެހީ، ޤާނޫނީ އުސޫލުތަކާ ޚިލާފަށް ދިވެހި ރުފިޔާއަށް ބަދަލުކުރިކަމަށް ބުނެވެއެވެ. މީގެ އިތުރުން، ބައްސާމް މި ފައިސާ އަމިއްލަ ބޭނުންތަކަށާއި، ވިޔަފާރި މުޢާމަލާތްތަކަށް އަދި ޢާއިލީ ޚަރަދުތަކަށް ބޭނުންކުރެއްވި ކަމަށްވެސް ތުހުމަތު ކުރެވެއެވެ. މި މައްސަލައިގައި އިތުރު ތަޙްޤީޤުތައް ކުރިއަށްދެއެވެ.
އަހަރު ނިމިގެންދާއިރު، ދިވެހި ލީގް، އެފްއޭ ކަޕް އަދި އެހެނިހެން ޤައުމީ މުބާރާތްތައް ނުބޭއްވުމުގެ ސަބަބުން ކުޅުންތެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން، ނިމިގެންދިޔަ އަހަރުތަކުގެ މުސާރަ އެތައް ކުޅުންތެރިންނަކަށް ނުލިބި ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ގިނަ ކުޅުންތެރިން ދަނީ މާލީ ދަތިތަކާ ކުރިމަތިލަމުންނެވެ.
މި ހާލަތުގައި، ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤުބަލާމެދު ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، މި ދަތި ހާލަތުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ފާހަގަކުރެވެއެވެ.









