ފުލުހުންގެ އޮފިސަރަކު އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރު ދިންކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަން ފަށައިފިވެ.
ފުލުހުންގެ ފަރާތުން ކަށަވަރުވި ގޮތުގައި މި މައްސަލަ އެ ސާވިސްއަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން، އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާއަށް ބިރުދެއްކުމުގެ ގޮތުން ކުރެވުނު ފޯނު ކޯލްތަކުގެ ރެކޯޑިންގތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓްތައް މިހާރު ވަނީ މީސްމީޑިއާގައި ފެތުރިފައެވެ.
ދައުރުވަމުންދާ ސްކްރީންޝޮޓްތަކުގައި އަނިޔާ ލިބުނު އަންހެންމީހާ އަށް މަރުގެ ހަމަލާތައް ވެސް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގާ މީހަކު ފުލުހުންގެ ޚިދުމަތުގައި އުޅުމަކީ ބަލައިނުގަނެވޭނެ ކަމެއްކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން، މި މައްސަލަ ޤާނޫނީގޮތުން ބެލުމަށް އަނިޔާ ލިބުނު އަންހެންމީހާ ވަނީ ގޮވާލާފައެވެ. އަދި މި މައްސަލައިގައި އެކަށީގެންވާ ހެކި ހުރިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުމުން، މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށާއި، ތަޙުޤީޤު ނިމުމުން އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ.









