ފަލަސްތީނުގެ އުތުރުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އދ.ގެ އެސެސްމެންޓް ޓީމުން ވަންނަން އުޅުމުން އިސްރާއީލުން އެކަމަށް ހުރަސް އަޅައިފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި އދ ގެ ގުރޫޕަށް ޖެނިންއަށް ވަނުން އިސްރާއީލުން ބަނދުކުރީ އެތަނުގއި އިސްރާއީލުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް އދ އަށް ފޮރުވުމަށެވެ.
ހުޅަނގު އައްސޭރިއަށް ނުވަދެވޭ ގޮތަށް ހެދުމުން އެތަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ނުދެވޭ ކަމަށާއި ، ހަފްތާއެއްވީއިރު އެމްބިއުލާންސްތަކާއި މެޑިކަލް ޓީމުތަކަށް ޖެނީންއަށް އެތެރެ ނުވެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޖެނިން ސިޓީގައި ލާއިންސާނީ ޖަރީމާތައް ހިންގާތާ މިހާރު 8 ދުވަސް ވީއެވެ.
އެމީހުން ވަނީ މި 8 ދުވަހު އެތަނުގައި 19 މީހަކު ޝަހީދު ކޮށްލާފައެވެ. ދިހަވަރަކަށް މީހުން ޒަޚަމްވެ އަދި އެއްބަޔަކު ހައްޔަރު ކޮށްފައިވާއިރު ފެނާއި ކަރަންޓް ނެޓްވޯކްތައް ހިމެނޭ ގޮތަށް ރައްޔިތުންގެ މުދަލާއި އިންފްރާސްޓްރަކްޗަރ ވަނީ ގާތްގަނޑަކަށް މުޅިންހެން ހަލާކުވެފައެވެ.









