މާލެ ސިޓީގެ ހުކުރު ޚަޠީބުންގެ ދަފްތަރު އަލުން އެކުލަވާލުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ. މިކަން ކުރިއަށް ގެންދިއުމަށްޓަކައި ޚަޠީބުންގެ ފެންވަރު ވަޒަންކުރުމަށް އިމްތިހާނެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ގޫގްލްފޯމް މެދުވެރިކޮށް ހުށަހެޅުމަށެވެ.
މި އިމްތިހާނުގެ މަޤްޞަދަކީ މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުވުމަށް ޚަޠީބުންގެ ދަފްތަރެއް އެކުލަވާލުމެވެ. މިގޮތުން ޚަޠީބުންގެ ފެންވަރު ވަޒަންކޮށް، އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ.
މި އިމްތިހާނުގައި ބައިވެރިވުމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.









