ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ އޯގަސްޓް 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ،
ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރުދުންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ރައްކާތެރިކަމާއެކު، އަދި މަތީ ފެންވަރެއްގައި ފޯރުކޮށްދިނުމެވެ. މި ބިލުގެ ދަށުން، ސިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމު ހިންގުމުގެ އެންމެ އިސް ޒިންމާ އުފުލާނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްއެވެ.
ބިލުގައި ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެވޭ ފަރާތުގެ ޝަރުޠުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަޤާމުގައި ހުރި ފަރާތް، މި ޝަރުޠުތައް ފުރިހަމަވާނަމަ، އެ މަޤާމަށް ޢައްޔަނުކުރެވިފައިވާ ކަމުގައި ބެލެވޭނެއެވެ.
މީގެ އިތުރުން، ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމު ޝާމިލު ގޮތެއްގައި ތަރައްޤީކުރުމަށް ބޭނުންވާ ކަންކަމާއި އުސޫލުތައް ބަޔާންކުރާ ޤަވާޢިދެއް އެކުލަވާލަންޖެހޭނެއެވެ. މި ގޮތުން ޕްރިވެންޓިވް ކެއަރގެ ޚިދުމަތުގެ ތެރޭގައި ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރޝަރީ ފަރުވާ ހިމެނެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަހަރަކު އެއްފަހަރު ޚިދުމަތުގެ މިންގަނޑުތައް މުރާޖަޢާކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެކަމަށާއި އަދި ދިވެހިރާއްޖޭގެ ސިޓީތަކުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޕްރިވެންޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް ޤާއިމުކުރަންޖެހޭނެ ކަމަށް މި ބިލުގައި ވާނީ ކަޑައެޅިފައިއެވެ.
މި ބިލުގައި، ދިވެހިރާއްޖޭގެ ސިޓީތަކުގައި ޕްރައިމަރީ ކެއަރގެ ޚިދުމަތްދޭ މަރުކަޒުތައް ޤާއިމުކުރުމަށް ލާޒިމުކޮށްފައިވެއެވެ. މި މަރުކަޒުތަކުގައި، ޕްރިވެންޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދެވޭނެ ފަންނީ މުވައްޒަފުން ތިބެންވާނެއެވެ. އަދި މި މަރުކަޒުތައް ޤާއިމުކުރަންވާނީ، އާބާދީގެ ނިސްބަތުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މީގެ އިތުރުން، މި ޚިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރުމާއި، ޚިދުމަތުގެ ފެންވަރާއި ރައްކައުތެރިކަން ދެމެހެއްޓުމަށްޓަކައި، މި ނިޒާމު ހިނގާ ނުހިނގާ ގޮތް ބެލުމުގެ ޒިންމާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްއާ ހަވާލުކޮށްފައިވެއެވެ. މި ގޮތުން، އެ ފަރާތުން މި ނިޒާމު މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަންވާނެއެވެ.









