ހުޅުމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީންއެވެ.
މި ތާނގީ ބެހެއްޓުމުން ފެން ރައްކާކުރެވޭ މިންވަރު 80 އިންސައްތައަށް އިތުރުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ. މީގެ އިތުރުން، މާލޭގައިވެސް އިތުރު ފެން ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން މާލެ އާއި ހުޅުމާލެ ގުޅުވާލުމަށް ބޭނުންވާ މައި ޓްރާންސްފަރ ޕަމްޕް ސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތް ނިމި، އެހެން މަސައްކަތްތައް ހަލުވިކޮށް ކުރިއަށްދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
އެމްޑަބްލިއުއެސްސީގެ އިސް އަމާޒަކީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މެދުނުކެނޑި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވެސް މި ތާނގީގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަކީ ކަރަންޓު ބޭނުންކޮށްގެން ފެން އުފައްދާ ބަޔަކަށް ވާއިރު، ދިމާވެދާނެ ކުއްލި ހާދިސާއަކަށް ފެން ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި މިއީ އަސާސީ ހިދުމަތެއް ކަމަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް." މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
ހުޅުމާލޭގައި ބަހައްޓާ މި ތާނގީގެ ޕްރޮޖެކްޓުގެ އަގަކީ 34 މިލިއަން ރުފިޔާ ކަމަށާއި، މި މަޝްރޫޢު އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ މަޢުލޫމާތު ދީފައިވެއެވެ.








