ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ދަނޑުވެރިކަމުގެ މަޝްރޫޢު ކަމަށްވާ އުތުރު ތިލަފަޅުގެ "އެގްރިކަލްޗަރ އިކޮނޮމިކް ޒޯން" ގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
250 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢަކީ ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކޮމްޕެނީގެ ދަށުންނެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ވިސްނުމަކީ މާލެ ސަރަޙައްދުގެ އިތުރުން އުތުރާއި ދެކުނުގައިވެސް މިފަދަ މަޝްރޫޢުތައް ހިންގުން ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިންނާއި އުފެއްދުންތެރިންނަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯނަކީ ދައުލަތުގެ 5 ކުންފުނި ކަމަށްވާ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރއެކެވެ. މި ކުންފުނީގެ ދަށުން އެގްރޯނެޓް މަޝްރޫޢު ހިންގުމުން ދިވެހި ދަނޑުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.







