އާބާދީގެ ގޮތުން ކުޑަ ދިވެހިރާއްޖެއަށް އޮލިމްޕިކްސް ގޭމްސްގެ ޝަރަފުވެރި ޖާގައެއް މެރިޓުން (ކޮލިފައިވެގެން) ހޯދުމަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް، 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްއިން އެ ތާރީހީ ކާމިޔާބީ ވަނީ ހާސިލުކޮށްފައެވެ. ރާއްޖެ ފަހުރުވެރިކޮށްދީ، މި ތާރީހީ ޖާގަ ހޯދައިދިނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ. ސަރަހައްދީ ކޮލިފައިންގައި ތަޖުރިބާކާރު ސްރީލަންކާގެ ކުޅުންތެރިޔާ ބަލިކޮށް ދީމާ ހޯދި މި ކާމިޔާބީ ވެގެންދިޔައީ، ބޮޑެތި އުއްމީދުތަކާއެކު ކުރިއަށްދާން ރާއްޖޭގެ ޒުވާން އެތައް ކުޅުންތެރިންނަކަށް ލިބުނު ވަރުގަދަ ހިތްވަރަކަށެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ރާއްޖޭގެ ޓީޓީގައި އަންހެން ޑިވިޝަން ޑޮމިނޭޓްކޮށް، ސަރަހައްދީ ފެންވަރުގައި ވިދާލީ ދީމާ އަދި އައިޝަތު ރަފާ ނާޒިމް އެވެ. ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގެ ފިރިހެން ޓީޓީގެ ފެންވަރުވެސް އަންނަނީ ފާހަގަކޮށްލެވޭ ބާރުމިނެއްގައި ކުރިއަރަމުންނެވެ. ހާއްސަކޮށް 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ކުޅުންތެރިންގެ ހުނަރުވެރިކަން ފެނި، ޓީޓީއަށް ސަރުކާރާއި އެސޯސިއޭޝަނުން ކުރަމުންދާ އިންވެސްޓްމަންޓްގެ ނަތީޖާ ދަނީ ފެންނަމުންނެވެ.
މިގޮތުން، މުހައްމަދު އާލް އިމްރާން، އުމައިރު މުހައްމަދު މުއިއްޒު އަދި މުހައްމަދު ހަލަފް ރާފިއު އަކީ އުއްމީދީ މުސްތަގުބަލެއް އޮތް ތިން ކުޅުންތެރިންނެވެ. އުމުރުން އެންމެ 12 އަހަރުން ފެށިގެން ގައުމީ ޖޫނިއަރ ލެވެލްގައި ވާދަކުރަމުން އަންނަ މި ތިން ކުޅުންތެރިން ވަނީ ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި ގައުމީ އަދި ސަރަހައްދީ ވާދަވެރި މުބާރާތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
މިހާރު ކުރިއަށްދާ 31 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައިވެސް މި ކުޅުންތެރިންގެ މޮޅު ކުޅުން ވަނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތަކުގައި ސާބިތުކޮށްދީފައެވެ. އެގޮތުން 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ބައިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ މެޑަލް ހޯދާފައެވެ. 17 އަހަރުން ދަށުގެ ސިންގަލްސް ފައިނަލުގައި އާލް ބަލިކޮށް ހަލަފް ރަން މެޑަލް ހޯދިއިރު، 19 އަހަރުން ދަށުގެ ފައިނަލުގައި އުމައިރު ބަލިކޮށް ތަށި އުފުލައިލީ އާލް އެވެ. މީގެއިތުރުން، 17 އަހަރުން ދަށުގެ ޑަބަލްސް ބައިގައި އުމައިރު އަދި ހަލަފްގެ ޕެއާ ވަނީ އާލް އަދި މާންގެ ޕެއާ ބަލިކޮށް ރަން މެޑަލް ކާމިޔާބުކޮށްފައެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ދެން އެންމެ ބޮޑު އަމާޒެއް ހިފާފައިވަނީ ލޮސް އެންޖެލިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އަށެވެ. އަންހެން ޑިވިޝަނުން ދީމާ އާއި ރަފާ ކޮލިފައިވާނެ ކަމުގެ އުއްމީދު ބޮޑުއިރު، ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިހާރު ފެންނަ ޒުވާން ފިރިހެން ތަރިން ކަމަށްވާ އާލް، އުމައިރު އަދި ހަލަފް މި ފޯމުގައި ދެމިތިބެއްޖެނަމަ، ފިރިހެން ބައިން ވެސް ރާއްޖެއަށް އޮލިމްޕިކްސްގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިއީ 1988 ވަނަ އަހަރު އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ވާދަކުރި ރާއްޖެ ފަދަ ގައުމަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފެކެވެ.



