ކަޒަކިސްތާނުގެ އަސްތާނާގައި ކުރިއަށްދާ 27 ވަނަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެޓީމުވެސް ފުރަތަމަ މޮޅު ހޯދައިފިއެވެ. އަންހެންޓީމު މުބާރާތް ބާއްވާ ކިރްގިސްތާން 3-1 އިން މޮޅުވިއިރު ފިރިހެންޓީމު ވަނީ ސީދާ 3 ސެޓުން އޮމާން ބަލިކޮށްފައެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ އަށް ކުޅުންތެރިން ކަމަށްވާ ހަތަރު އަންހެނުންނާއި ހަތަރު ފިރިހެނުންނެވެ.
ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، އަދި ލައިސާ ފަތުހުﷲ އިސްމާއީލް ހިމެނޭ އަންހެން ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރީ ކިރްގިސްތާނާއެވެ. ފުރަތަމަ މެޗުގައި ފާތިމަތު ދީމާ ހަނިކޮށް ބަލިވި ނަމަވެސް ޓީމުގެ ކުޅުންތެރިން ވަނީ އެކަން އަނބުރާލާފައެވެ. އައިޝަތު ރަފާ ނާޒިމް މޮޅު ކުޅުމެއް ދެއްކިއިރު، މިޝްކާ މުހައްމަދު އިބްރާހިމް ވަނީ ޑޮމިނޭޓްކޮށްފަ އެވެ. ދީމާ އަލީ އެނބުރި އައީ އޭނާގެ ދެވަނަ މެޗު 3-0 އިން ކާމިޔާބުކޮށް، ރާއްޖެއަށް 3 ޕޮއިންޓް ހޯދައިގެންނެވެ.
މި ކާމިޔާބީ ލިބުނުއިރު، އުޒްބެކިސްތާން އަތުން 1-3 އިން ބަލިވުމާއި ޗައިނީސް ޓައިޕޭ އަތުން 0-3 އިން ބަލިވެ، ގްރޫޕް ހަތަރެއްގައި ރާއްޖެ އަންހެންޓީމު އޮތީ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކީގައެވެ.










