ދިވެހިރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގެ އައު ހެޑް ކޯޗަކަށް ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗު، އޮމިނިޔި އަޑެޑޮޓުން ހަމަޖައްސައިފިއެވެ. ކޯޗިންގެ ދާއިރާގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގެ ކާމިޔާބު ތަޖުރިބާ ހޯދާފައިވާ އަޑެޑޮޓުންއަކީ ނައިޖީރިއާގެ ފެންވަރުގައާއި ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ މުދައްރިބެކެވެ.
ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން އޭނާ ރާއްޖެ ގެނެސްފައި ވަނީ ދިވެހި ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ކުރިއަށްހުރި ބޮޑެތި މުބާރާތްތަކަށް ޤައުމީ ޓީމު ވަރުގަދައަށް ތައްޔާރުކުރުމުގެ މަޤްޞަދުގައެވެ.
އަޑެޑޮޓުންއަކީ ޒުވާން ކުޅުންތެރިން ބައްޓަންކުރުމުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ރެކޯޑެއް އޮތް ކޯޗެކެވެ. އެގޮތުން އެފްރިކާގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެއްވަނަ މަޤާމު ހޯދި ކުޅުންތެރިޔަކީވެސް އޭނާގެ ސީދާ އިރުޝާދާއި ބެލުމުގެ ދަށުން ތަމްރީނުވެ، ކުރިއަރައިގެން ދިޔަ ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ ނައިޖީރިއާގެ ނޭޝަނަލް ޖޫނިއަރ އަދި ކެޑެޓް ޓީމުގެ ހެޑް ކޯޗެއްގެ މަޤާމާއި، އެ ޤައުމުގެ އޮންޑޯ ސްޓޭޓް ޓީމުގެ އިސް ކޯޗުގެ މަޤާމު ފުރާފައެވެ. އަދި ނައިޖީރިއާގެ ސީނިއަރ ޤައުމީ ޓީމާއެކު އެފްރިކަން ގޭމްސް ފަދަ ބޮޑެތި މުބާރާތްތަކުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެއެވެ.
ނައިޖީރިއާގެ ވަރުގަދަ ޓީޓީ ސަގާފަތުގެ ތެރެއިން ތަމްރީނުވެފައިވާ އަޑެޑޮޓުން ރާއްޖޭގެ ޓީމާ ހަވާލުވުމަކީ، ދިވެހި ޓީޓީއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި، ޚާއްޞަކޮށް ރާއްޖޭގައި މިހާރު ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިން ބައިނަލްއަޤްވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑެތި ކާމިޔާބީތައް ހޯދުމަށް އޭނާގެ ތަޖުރިބާގެ ބޭނުން ހިފޭނެ ކަމަށް އެސޯސިއޭޝަނުން ދެކެއެވެ.








