ޕެރަގުއޭގެ ބޭންކިންގް ނިޒާމު އެއްކޮށް ބަނގުރޫޓުވެ، އެ ގައުމުގެ މާލީ ދާއިރާ އިނދަޖެހުމާ ގުޅިގެން އެގައުމުގެ ރައީސް ސެންތިއާގޯ ޕެނާގެ މައްޗަށް ކުއްލި ޖިނާއީ ތަހުގީގެއް ފަށައި، އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ގާނޫނުހަދާ މަޖިލީހުން ފަށައިފިއެވެ. މި މާލީ ކާރިސާގެ ސަބަބުން ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ރައީސް ސެންތިއާގޯ ޕެނާ މިހާރުވެސް ރަސްމީކޮށް ހުންނެވީ މަގާމުގައެވެ. އޭނާ ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވިކަން ވީޑިއޯ މެސެޖެއް މެދުވެރިކޮށް އިޢުލާން ކުރައްވާފައެވެ. ނަމަވެސް، ޕެރަގުއޭގެ ގާނޫނުއަސާސީ ބުނާގޮތުން ރައީސެއްގެ އިސްތިއުފާ ސައްހަވާނީ ގައުމުގެ ގާނޫނުހަދާ މަޖިލީހުން އެ އިސްތިއުފާ ގަބޫލުކޮށް ފާސްކުރުމުންނެވެ.
ގާނޫނުހަދާ މަޖިލީހުން އޭނާގެ އިސްތިއުފާ ގަބޫލެއް ނުކުރިއެވެ. ސަބަބަކީ އިސްތިއުފާ ގަބޫލުކޮށްފި ނަމަ އޭނާއަށް ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތައް ލިބިގެންދާތީ، މަޖިލީހުގެ މެންބަރުން ބޭނުންވީ އޭނާ މަގާމުން ވަކިކުރުމުގެ ޝަރީޢަތް ކުރިއަށް ގެންގޮސް، ގާނޫނީ އަދަބު ދިނުމަށެވެ. އެހެންކަމުން، ބާރުގަދަ ކޮލޮރާޑޯ ޕާޓީގެ މެންބަރުން ވޯޓުލާ ގަޑީގައި މަޖިލީހުން ނުކުމެ ކޯރަމް ގެއްލުވާލުމުން އިސްތިއުފާ ފާސްކުރެވޭ ގޮތެއް ނުވިއެވެ.
މި މައްސަލަ އުފެދެން ދިމާވީ އެ ގައުމުގެ ބޮޑު ބޭންކެއް ކުއްލިއަކަށް ބަނގުރޫޓުވެ، ރައްޔިތުން ރަައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ދިޔުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިކަމުގައި ސަރުކާރުގެ އިސްވެރިންނާއި ރައީސްގެ ނުފޫޒާއި އިހުމާލު ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ.



