ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ދުނިޔޭގެ ގަދަބާރެއްގެ ގޮތުގައި، އަދި މިފަހަރުގެ މުބާރާތުގެ އެއް ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ދެކެމުން އައި ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ އިން ހޯދި ތާރީޚީ އަދި ހައިރާންކުރުވަނިވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދަކީ އެ ގައުމުގެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސެންޓިއާގޯ ޕެންޔާ އިއުލާން ކުރައްވައިފިއެވެ.

ޕެރަގުއޭގެ ރައްޔިތުން މަގުތަކަށް ނުކުމެ އުފާފާޅުކުރަނީ
މުޅި ދުނިޔެ ސިއްސުވާލި މި މޮޅަށްފަހު، ޕެރަގުއޭގެ ރައީސް ނެރުއްވި ރަސްމީ ގަރާރެއްގައި ބުނެފައިވަނީ، މި ތާރީޚީ ވަގުތަކީ ގައުމީ ފަޚުރެއް ކަމަށާއި، މި އުފަލުގައި މުޅި ގައުމަށް މިއަދު (އަންގާރަ ދުވަސް)، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި ކަމަށެވެ.
މިއާއެކު ޕެރަގުއޭގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، ގައުމީ ދިދަ ހިފައިގެން އަންނަނީ ވަރަށް ފޯރިއާއި އެކު އުފާ ފާޅުކުރަމުންނެވެ.
މި މޮޅާއެކު ޕެރަގުއޭގެ ޓީމު ވަނީ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދާފައެވެ.









