ފީފާ ވޯލްޑްކަޕް 2026 ގެ ރައުންޑް އޮފް 32 ގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ޖަރުމަނު ބަލިވެ މުބާރާތުން ކަޓައިފިއެވެ. މެޗުގެ ފުރިހަމަ 90 މިނިޓް ހަމަވެ އިތުރު ދެހާފްގެ ކުޅުން ނިމުނު އިރުވެސް 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތް މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ޕެރަގުއޭއިންނެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ޕެރަގުއޭގެ ހޫލިއޯ އެންސީސޯ ބޮލުން ޖަހައިދިން މި ލަނޑާއެކު ޖަރުމަނު ޕްރެޝަރަށް ވެއްޓުނު ނަމަވެސް، މެޗުގެ 54 ވަނަ މިނެޓުގައި ޖަރުމަނުގެ ކައި ހަވާޓްޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނުގެ ޖޮނަތަން ބޮލުން ގޯލެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ޖަރުމަނުގެ ވަލްޑެމާ އެންޓަން ޕެރަގުއޭގެ ކީޕަރަށް ފައުލްކޮށްފައިވާ ކަމަށް ނިންމައި އެ ގޯލު ބަލައެއް ނުގަތެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޝޫޓްއައުޓަކަށް ދާންޖެހުނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަނަށް ކުރިމަތިވީ ވަރަށް ހިތްދަތި ނަތީޖާއެކެވެ. ސަބަބަކީ މިއީ ވޯލްޑްކަޕް ތާރީޚުގައިވެސް ޕެނަލްޓީ ޝޫޓްއައުޓެއްގައި ޖަރުމަނު ބަލިވި ފުރަތަމަ ފަހަރަށް މި މެޗު ވެގެންދިއުމެވެ. ޖަރުމަނުގެ ޕެނަލްޓީތަކަށް ބަލާއިރު، މެޗުގައި ލަނޑު ޖެހި ކައި ހަވާޓްޒްގެ އިތުރުން ޖަރުމަނުން ފުރަތަމަ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީއެއް ނާކާމިޔާބުވިއެވެ. ޕެރަގުއޭއިންވެސް ފަހު ދެ ޕެނަލްޓީ ނުވެއްދުމުން ޖަރުމަނަށް މެޗުގެ ތެރެއަށް އެނބުރި އައުމުގެ ފުރުސަތު ލިބުނެވެ.
އެހެންނަމަވެސް ނަތީޖާ ކަށަވަރުކުރުމަށް ޖެހި ހަވަނަ ޕެނަލްޓީ ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ތާހ ޖެހުމުން ބޯޅަ ދިޔައީ ގޯލްގެ ދަނޑިމަތިން ބޭރަށެވެ. އެއަށްފަހު ޕެރަގުއޭގެ ހޯސޭ ކަނާލޭ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް، ޕެރަގުއޭ ރައުންޑް އޮފް 16 އަށް ކޮލިފައިކޮށްދީ ޖަރުމަނު މުބާރާތުން ކަޓުވައިލިއެވެ.









