ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި، ދިވެހި ވަތަނީ ހިދުމަތުގެ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ރާއްޖޭގެ 20 އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ކުދިންނާއި 64 އަންހެން ކުދިން ބައިވެރިވާ މި 14 ހަފުތާގެ ތަމްރީނު ޕްރޮގްރާމަކީ ގައުމީ ލޯތްބާއި، ޒިންމާދާރުކަމާއި، އަދި ހަށިހެޔޮކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފެއްޓެވި ހަރުދަނާ ސިޔާސަތެކެވެ. މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
މި ތަމްރީނުގެ ތެރެއިން ގައުމިއްޔަތާއި، ލީޑަރޝިޕާއި، ދީނީ ތައުލީމުގެ އިތުރުން އަސްކަރީ ހުނަރުތަކާއި ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ފަދަ މުހިންމު ދާއިރާތަކުން ތައުލީމާއި ތަމްރީނު ލިބިގެންދާނެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ދަރިވަރުންނަށް ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕްގެ ސެޓްފިކެޓް 3 ގެ އިތުރުން ހާއްސަ ދާއިރާތަކުން ގައުމީ ފެންވަރުގެ ސެޓްފިކެޓްތައް ލިބިގެންދާނެއެވެ.



