ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ޕްރޮގްރާމްގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.
ކުރީގެ ބެޗުތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތް، ޖުމްލަ 13 ސަރަޙައްދެއްގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ނ.މަނަދޫ، ރ.އުނގޫފާރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ތ.ވޭމަންޑޫ، ލ.ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީ ހިމެނެއެވެ.
މި ބުރުގައި ބައިވެރިން ހޮވުމަށްޓަކައި ގިނަ ޓެސްޓްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުރިއަށްދާ އިންޓަރވިއުތަކުގެ އިތުރުން، ބައިވެރިންގެ ޞިއްޙީ އަދި ޖިސްމާނީ ފެންވަރު ބެލުމުގެ ގޮތުން މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ކުރިއަށްދާނެއެވެ. މީގެ ކުރިން މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ފެށި މި ޚިދުމަތުގެ 3 ވަނަ ބުރުގެ ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި އެފަރާތްތަކުގެ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢެކެވެ. މިއީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ޤައުމީ ފެންވަރުގެ ސިޔާސަތެކެވެ.




