ދިވެހި ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ޕްރޮގްރާމުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފުރިހަމަކުރުމަށް 351 ބައިވެރިން މިއަދު ފުރައިފިއެވެ.
ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ 14 ހަފުތާގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެކެވެ. މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވެފައިވެއެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ އަކީ ދިވެހި ވަތަނީ ހިދުމަތާ އަލަށް ގުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ތަމްރީނެކެވެ. މި ތަމްރީނުގެ ތެރެއިން ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށްވުމުގެ ހުނަރާއި، ދީނީ ތަރުބިއްޔަތާއި އަހްލާގާއި ސުލޫކުގެ އިތުރުން ލީޑަރޝިޕާއި ހަށިހެޔޮކަން އަދި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާނެ މުހިންމު އެކި ދާއިރާތަކުން ބައިވެރިންނަށް ތަމްރީނު ދެވޭނެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ގައުމަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި އަހްލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ރާއްޖޭގައި މުޅިން އަލަށް ތަންފީޒުކުރަން ފެށުނު މުހިންމު ސިޔާސަތެކެވެ.




