ސައޫދީއާއި ރަތްކަނޑުގެ ސަލާމަތަށްޓަކައި ހޫޘީންގެ ޑްރޯންތަކަށް ތެޔޮ ފޯރުކޮށްދޭ މަރުކަޒުތައް ނައްތާލައިިފި ކަމަށް ކޯލިޝަނުން ބުނެފިއެވެ.
އަރަބި ކޯލިޝަނުން ހާމަކުރި ގޮތުގައި، ހޫޘީން ދަނީ ޔަމަނުގެ ތެލުގެ ވަސީލަތްތައް ބޭނުންކޮށްގެން ސައޫދީ އަަރަބިއްޔާގެ އެއާޕޯޓުތަކަށާއި، އާންމު އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ބަލިސްޓިކް މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ހަމަލާތައް ދެމުންނެވެ. މި ތަކެތި އުދުއްސާލުމަށާއި އޮޕަރޭޓްކުރުމަށް ބޭނުންވާ ޚާއްޞަ ތެޔޮ ފޯރުކޮށްދޭ މަރުކަޒުތައް ނައްތާލުމަކީ ސައޫދީގެ ރައްޔިތުންނާއި އިޤްތިޞާދު ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށް ކޯލިޝަނުން ބުނެއެވެ.
މީގެ އިތުރުން، މި އޮޕަރޭޝަނަކީ ރަތްކަނޑުގެ ބައިނަލްއަޤްވާމީ ކަނޑުގެ މަގުތަކުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ހޫޘީން ދަނީ ރަތްކަނޑުން ދަތުރުކުރާ ބައިނަލްއަޤްވާމީ މުދާ އުފުލާ ބޯޓުތަކަށާއި މަނަވަރުތަކަށް ކަނޑުމަތީގެ ޑްރޯންތަކާއި މިސައިލް ބޭނުންކޮށްގެން ހަމަލާދީ، ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުން ކަމަށް ވެސް ކޯލިޝަނުން ބުނެއެވެ.
ކޯލިޝަނުން ބުނާގޮތުގައި، ހޫޘީންގެ މިސައިލް އަދި ޑްރޯން މަރުކަޒުތަކަށް ސަޕްލައި ފޯރުކޮށްދޭ މި ނެޓްވޯކް ހަލާކުކޮށްލުމުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ. އަދި ސައޫދީ އަރަބިއްޔާގެ ބޯޑަރުތަކާއި ސިޓީތަކަށް ހޫޘީން ކުރިމަތިކުރަމުންދާ ޓެރަރިސްޓް ނުރައްކާތަކުން ދިފާޢުވުމަށްޓަކައި، މިފަދަ ހަރުކަށި އަސްކަރީ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުންދާނެ ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.




