ޔަމަނުގެ ޤާނޫނީ ސަރުކާރު ދިފާޢުކުރުމަށް ހިންގާ އަރަބި ކޯލިޝަނުގެ ޖޮއިންޓް ފޯސަސްއިން ހޫޘީ މިލިޝިއާގެ ހަނގުރާމަވެރިންގެ ޤާބިލުކަން ނައްތާލުމަށްޓަކައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ހިންގައިފި ކަމަށް އަރަބި ކޯލިޝަނުން ބުނެފިއެވެ.
ކޯލިޝަނުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ހޫޘީން ހިންގަމުންދާ ހަނގުރާމަވެރި ހަރަކާތްތަކަށް ބޭނުންވާ މާލީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ މުހިންމު ސްޓްރެޓީޖިކް ވަސީލަތްތައް އެއްކޮށް ސުންނާފަތިކޮށްލުމެވެ. މިއީ ފަހަކަށް އައިސް ހޫޘީންގެ މާލީ ނިޒާމަށް ދެވުނު އެންމެ ބޮޑު ހަމަލާއެވެ.
މި ޚާއްޞަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހޫޘީން ކޮންޓްރޯލްކުރާ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށްގެންނެވެ.
ކޯލިޝަނުން ބުނީ، އެ ކޯލިޝަނަށް ލިބުނު އިތުބާރު ހުރި ޖާސޫސީ މަޢުލޫމާތުތަކުން ސާބިތުވެފައިވާ ގޮތުގައި، ހޫޘީން ދިޔައީ ޔަމަނުގެ ޤައުމީ މުހިންމު ވަސީލަތްތައް އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި، ސީދާ ހަނގުރާމައިގެ ކުރީސަފަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށާއި އަސްކަރީ ހަމަލާތަކަށް ފަންޑުކުރުމަށް ބޭނުންކުރަމުންނެވެ. މި ވަސީލަތްތައް ނައްތާލުމުން ހޫޘީންގެ ހަނގުރާމަވެރި މައިބަދައަށް ބޮޑު ލޮޅުމެއް އަރާނެއެވެ.
އަރަބި ކޯލިޝަނުން ބަޔާންކުރި ގޮތުގައި، މި އަސްކަރީ ހަމަލާތައް ރާވައި ހިންގާފައިވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހަމަލާ ދިނުމުގެ ކުރިން އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ހުރިހާ ރައްކާތެރި ފިޔަވަޅެއް އެޅި ކަމަށާއި، މި އޮޕަރޭޝަނުގެ ސަބަބުން ކައިރީގައި ދިރިއުޅޭ އާންމު އެއްވެސް ރައްޔިތަކަށް އަދި މަދަނީ އިމާރާތަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކޯލިޝަނުން ދެއެވެ.



