ޔަމަނުގެ ހޫޘީ ޖަމާއަތުގެ ހަމަލާތަކާއެކު ދުނިޔޭގެ އެންމެ ބޮޑަށް ބުރޫއަރާފައިވާ އެއާޕޯޓަކަށް ރިޔާޟް އެއާޕޯޓް ވެއްޖެއެވެ. ސައޫދީ އަަރަބިއްޔާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވަމުންދާ ޑްރޯން އަދި މިސައިލް ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވައިގެ ދަތުރުފަތުރަށް ވަނީ ނުހަނު ބޮޑެތި ބުރޫއެރުންތަކެއް އަރާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 3 އަށް އަމާޒުވި ވަރުގަދަ ހަމަލާއެއްގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން ސަލާމަތީ ކަންކަން ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ
މީގެ އިތުރުން ޖެހިގެން އައި ދުވަހު ދައްމާމްގައި ހުންނަ ކިންގް ފަހްދު އެއާޕޯޓަށް ވެސް ހޫޘީންގެ ހަމަލާތަކެއް އަމާޒުވެފައިވެއެވެ.
ވައިގެ ދަތުރުފަތުރުގެ ހާލަތު ދިރާސާކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެންމެ ބޮޑަށް އޮޕަރޭޝަންތައް ހުއްޓި، ހިންގުމަށް ބުރޫއަރާފައިވާ އެއާޕޯޓަކަށް މިހާރު ވެފައިވަނީ ސައޫދީގެ ވެރިރަށް ރިޔާޟް އެއާޕޯޓެވެ. އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް އަލުން މުރާޖާކޮށް، ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްޓަކައި މި ހަފުތާގެ ބޮޑު ބައެއްގައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މި ނިންމުމާއެކު އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެ، އެތައް ހާސް ފަސިންޖަރުންނެއް ވަނީ އެއާޕޯޓުގައި ތާށިވެފައެވެ.
ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ދަނީ ސައޫދީ އަަރަބިއްޔާއަށް ކުރާ ދަތުރުތަކަށް ބަދަލުތައް ގެންނަމުންނެވެ. މިގޮތުން ޤަޠަރު އެއާވޭސް ފަދަ ސަރަހައްދީ ބޮޑެތި އެއާލައިންތަކުން ސައޫދީގެ ސިޓީތަކަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ހުއްޓާލާފައިވާއިރު، އެހެން ބައެއް އެއާލައިންތަކުން ދަނީ ސައޫދީގެ ވައިގެ ސަރަހައްދު ދޫކޮށް އެހެން ރޫޓުތަކުން ދަތުރުކުރަން ފަށާފައެވެ



