އިރާގުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނަށް މަރުގެ އިންޒާރުތަކާއި، މުޖުތަމައުގައި ބާކީކުރުމާއި، އިންސާފު ހޯދުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި، ގާނޫނީ ރައްކާތެރިކަން ކުޑަވުމާއި މުޖުތަމައުގައި އަށަގަނެފައިވާ ބައެއް ވިސްނުންތަކުގެ ސަބަބުން އަންހެނުން ވަނީ އަނިޔާގެ ނުރައްކަލުގެ ތެރެއަށް ގޮސްފައެވެ.
އިރާގުގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ސާރާ ޖާސިމް، ސޯޝަލް މީޑިއާ މެދުވެރިކޮށް ޖިންސީ ގޯނާގެ މައްސަލަތައް އާންމުކޮށް، އަނިޔާކުރާ މީހުން ފަޟީހަތްކުރުމަށާއި، އަނިޔާލިބޭ އަންހެނުންގެ ފަރާތުން ހެކި ރައްކާކުރުމަށް ވީޑިއޯތައް އާންމުކުރެއެވެ. އޭނާ އާންމުކުރި އެއް ވީޑިއޯއަކާ ގުޅިގެން، ސުކޫލް ކުދިންނަށް ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހަކު ވަނީ ހައްޔަރުވެސްކޮށްފައެވެ.

ސާރާ ޖާސިމް އާންމުކުރި ވީޑިއޯއެއްގައި ޖިންސީ ގުނަވަން ދެއްކި ފިރިހެނަކާ ދިމާއަށް އަންހެނަކު އަޑުއުފުލައި، އޭނާގެ ކާރުގެ ދޮރު ހުޅުވަން މަސައްކަތްކުރަނީ | ފޮޓޯ: ބީބީސީ
ނަމަވެސް، މި މަސައްކަތުގެ ސަބަބުން ސާރާއަށް ވަނީ މަރުގެ އިންޒާރުތަކާއި، ކެމިކަލް (އެސިޑް) އުކާނެކަމުގެ އިންޒާރުތައް ލިބިފައެވެ. މީގެއިތުރުން، އަންހެނުން އަޑުއުފުލުމަށް ހިތްވަރުދޭތީ، މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހަލާކުކުރާކަމުގެ ތުހުމަތުތައްވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ. ރައްކާތެރިކަމަށްޓަކައި އޭނާ މިހާރު ގެއިން ބޭރަށް ނުކުމެއުޅެނީ މަދުންނެވެ.
އިންސާފު ހޯދުމުގައި ހުރި ގޮންޖެހުންތައް
އިރާހުގެ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދުމަކީ އަނިޔާލިބޭ މީހުންނަށް އިންތިހާއަށް އުނދަގޫ ކަމެކެވެ. މައްސަލަތައް އޮންނަ ގޮތް ނުހަނު އޮޅުންބޮޅުންވެފައި، އެހީތެރިކަން ކުޑަވުމާއި މުޖުތަމައުގެ ފާޑުކިޔުންތަކުގެ ސަބަބުން މައްސަލަ ރިޕޯޓުކުރަން ގިނަ އަންހެނުން ޖެހިލުންވެއެވެ.
އަމަލީ ދިރިއުޅުމުން ފެންނަ އެއް މިސާލަކީ، އުމުރުން 18 އަހަރު ނުފުރޭ އަމިއްލަ ދަރިފުޅަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ކުރީގެ ފިރިމީހާއާ ދެކޮޅަށް 5 އަހަރު ވަންދެން މައްސަލަ ހުށަހަޅައިގެން އުޅޭ "އަމަލް" (އަސްލު ނަން ސިއްރުކުރެވިފައި) ގެ މައްސަލައެވެ. އަމަލް ބުނި ގޮތުގައި މި އަނިޔާ ދީފައިވަނީ ބަަޑިން ބިރުދައްކައިގެންނެވެ. މެޑިކަލް އަދި ޑީއެންއޭ ހެކި ފުލުހުންނަށް ހުށަހެޅި ނަމަވެސް، މައްސަލަ ނުނިމި، ކުރީގެ ފިރިމީހާ ވަނީ ފިލާފައެވެ. މީގެއިތުރުން، ގާނޫނީ ވަކީލަކު ހޯދުމަށް އަމަލްއަށް ނުހަނު ދަތިވި ނަމަވެސް، ފިރިމީހާ ވަނީ ގިނަ ވަކީލުންތަކެއް ހަމަޖައްސާފައެވެ.
އިރާގުގައި އަނިޔާލިބޭ އަންހެނުންނަށް ރައްކާތެރިކަން ދޭނެ "ޝެލްޓަރ" ނުވަތަ ރައްކާތެރި މަރުކަޒުތައް މަދުވުމާއި، މާލީ އަމިއްލަ މިނިވަންކަން ނެތުމަކީވެސް އަނިޔާއިން ރެކެން ބޭނުންވާ އަންހެނުންނަށް އޮތް ބޮޑު ހުރަހެކެވެ.
އެކްޓިވިސްޓުންނަށް އޮތް ނުރައްކާ
އެކްޓިވިސްޓުންނަށް އޮތް ނުރައްކާ އެންމެ ބޮޑަށް ހާމަވެގެންދިޔައީ، މާރިޗު މަހު ބަޣުދާދުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓް ޔަނާރު މުހައްމަދު އޭނާގެ ގޭގެ ބޭރުގައި މަރާލި ހާދިސާއިންނެވެ. އެ ހަމަލާދިން މީހުން ދެނެގަނެވިފައިނުވާއިރު، ހަރުކަށި ދީނީ ޖަމާއަތްތަކުން އޭނާއަށް މަރުގެ އިންޒާރުދެމުންދިޔަތާ އަހަރުތަކެއްވެފައިވާ ކަމަށް އދ. އިން ބުނެއެވެ.
އެހެން އެކްޓިވިސްޓެއް ކަމަށްވާ ހަނާ އިދްވާރު ބުނި ގޮތުގައި، އެކްޓިވިސްޓުންނަށް އޮތް އިންޒާރުތަކަކީ މިހާރު ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

ހަނާ އިދްވާރު (ވާތްފަރާތުގައި) ޔަނާރު މުހައްމަދާއެކު، އޭނާ މަރާލުމުގެ ދެ ދުވަސް ކުރިން ނަގާފައިވާ ފޮޓޯއެއް | ފޮޓޯ: ބީބީސީ
ސަރުކާރުގެ ރައްދު އަދި ގާނޫނީ އިސްލާހު
އިރާގުގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު މުގްދާދު މިރީ ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޖިންސީ އަނިޔާގެ 300 އެއްހާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މުޖުތަމައުގެ އާދަކާދަތަކުގެ ސަބަބުން ރިޕޯޓުނުކޮށް ގިނަ މައްސަލަތަކެއް ހުންނާނެކަން އޭނާ ގަބޫލުކުރެއެވެ. އަދި ޖިންސީ ގޯނާކުރާ ފުލުހުންނަށް 10 އަހަރާ ހަމައަށް ޖަލު ހުކުމް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފާއިތުވި މޭ މަހު އދ. ގެ ކޮމިޓީއަކުން ވަނީ، އަނިޔާކުރާ މީހާ އަނިޔާލިބޭ މީހާއާ ކައިވެނިކުރުމުން އަދަބުން މާފުލިބޭ މާއްދާތަކާއި، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ދޭ ހަމަލާތަކަށް އަދަބު ލުއިކޮށްދޭ މާއްދާތައް އިރާގުގެ ގާނޫނުން އުވާލުމަށް ގޮވާލާފައެވެ.
ގޮންޖެހުންތަކާއި އިންޒާރުތައް ހުރިނަމަވެސް، ސާރާ އާއި އެހެނިހެން އެކްޓިވިސްޓުން ބުނަނީ އަންހެނުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ.




