ޔަމަނުގެ ދެކުނު-ހުޅަނގުގައި އޮންނަ ތާއިޒް ޕްރޮވިންސަށް ހޫޘީ ހަނގުރާމަވެރިން ދިން ވަރުގަދަ ޙަމަލާތަކެއްގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 5 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.
މަސްދަރުތައް ބުނާ ގޮތުގައި، ހޫޘީ ޖަމާޢަތުން ވަނީ ތާއިޒްގެ ޢާންމުން ދިރިއުޅޭ އެކި ސަރަޙައްދުތަކަށާއި އަސްކަރީ ޕޯސްޓުތަކަށް އަމާޒުކޮށް ބޮޑުބަޑިއާއި ޑްރޯން ބޭނުންކޮށްގެން ސިލްސިލާ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޢާންމު ރައްޔިތުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޙަމަލާތަކުގެ ސަބަބުން ބައެއް ޢިމާރާތްތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ތާއިޒަކީ ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ ހޫޘީންގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި އެ ޖަމާޢަތުން ބަންދުކޮށް، ވަރުގަދަ ޙަމަލާތަކެއް އަމާޒުކުރަމުންދާ ސިޓީއެކެވެ. ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ މި ސަރަޙައްދަށް ދޭ މިފަދަ ޙަމަލާތަކަކީ އެ ސަރަޙައްދުގެ ކޮންޓްރޯލް ފުޅާކުރުމަށާއި، ސަރުކާރުގެ ފައުޖުތަކަށް ޕްރެޝަރު ބޮޑުކުރުމުގެ ބޭނުމުގައި ދެމުންދާ ޙަމަލާތަކެއް ކަމަށް އަސްކަރީ މުޙައްލިލުން ފާހަގަކުރެއެވެ.
މި ފަހަކަށް އައިސް މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ޔަމަނުގެ އެތެރޭގައި ހޫޘީން ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފައި މިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެ ޖަމާޢަތުގެ ޙަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެއްގައެވެ.



