ސަރުކާރަކުން ހިންގާ މަޝްރޫއުތަކުގެ އެންމެ ބޮޑު މަންފާއެއް ކުރަންޖެހެނީ ގައުމުގެ އާންމު ރައްޔިތުންނަށެވެ. ކުރީގެ ސަރުކާރުތަކުން ބޮޑެތި ފަޅުތައް ދޫކޮށްފައިވަނީ ބޭރުގެ މުއްސަނދިންނަށް ޕްރައިވެޓް ވިލާތައް ހަދައިގެން އަމިއްލަ ނަފާ ހޯދުމަށެވެ. ނަމަވެސް، ޕީއެންސީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން އިސްކުރުމެވެ. އެގޮތުން ރަސްމާލެ މަޝްރޫއަކީ ވަކި ބަޔަކަށް ވިލާ ހެދުމުގެ ބަދަލުގައި، އެތައްހާސް ދިވެހި އާއިލާތަކަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ރައްޔިތުންގެ މަޝްރޫއެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޑީޕީ ވެރިކަމުގައި ދޫކުރި އައިލާ މަޝްރޫއުގައި ހިމެނެނީ އެންމެ 30 ޕްރައިވެޓް ވިލާއެވެ. އަދި އަމާން މަޝްރޫއުގައި ހިމެނެނީ އެންމެ 54 ވިލާއެވެ. މިއީ އާންމު ރައްޔިތުންނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބޭނެ ތަންތަނެއް ނޫނެވެ. އޭގެ ބަދަލުގައި، ރަސްމާލެ މަޝްރޫއުގެ ދަށުން 8،000 ރިއަލް އެސްޓޭޓް ޔުނިޓް ތަރައްގީކުރެވިގެންދާނެއެވެ. މިއީ އެތައް ހާސް ދިވެހި އާއިލާއެއްގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމެކެވެ.
ޕީޕީއެމް ސަރުކާރުން 2015 ވަނަ އަހަރު ދޫކުރި އެނބޫދޫ ފިނޮޅު މަޝްރޫއަކީ 750 ހެކްޓަރުގެ ބޮޑު ފަޅެއް ކަމަށްވާއިރު، މީގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނީ 40 މިލިއަން ޑޮލަރެވެ. އަދި އަހަރަކު ލީސް ރެންޓަލްގެ ގޮތުގައި ލިބޭ 2 މިލިއަން ޑޮލަރާއެކު، 99 އަހަރުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވެނީ ޖުމްލަ 198 މިލިއަން ޑޮލަރެވެ. ހަމައެއާއެކު، އެމްޑީޕީ ސަރުކާރުން ސެޕްޓެމްބަރު 2023 ގައި ދޫކުރި އައިލާ މަޝްރޫއަކީވެސް 750 ހެކްޓަރުގެ ފަޅެއް ކަމަށްވާއިރު، މީގެ އެކުއިޒިޝަން ކޮސްޓަކީ 27 މިލިއަން ޑޮލަރެވެ. އަދި އަހަރަކު ލީސް ރެންޓަލްގެ ގޮތުގައި ލިބޭ 2 މިލިއަން ޑޮލަރާއެކު 99 އަހަރުން ދައުލަތަށް ލިބެނީ ޖުމްލަ 198 މިލިއަން ޑޮލަރެވެ. މީގެ އިތުރުން، އެމްޑީޕީ ސަރުކާރުން ހަމަ އެ އަހަރު ދޫކުރި އަމާން މަޝްރޫއަކީ 700 ހެކްޓަރުގެ ފަޅު ސަރަހައްދެއް ކަމަށްވާއިރު، މީގެ އެކުއިޒިޝަން ކޮސްޓަކީ 38 މިލިއަން ޑޮލަރެވެ. އަދި އަހަރަކު ކުލީގެ ގޮތުގައި ލިބޭ 2 މިލިއަން ޑޮލަރާއެކު، 99 އަހަރުގެ ދިގު މުއްދަތުގައި ދައުލަތަށް ލިބޭނީ ޖުމްލަ 198 މިލިއަން ޑޮލަރެވެ. މި މަޝްރޫއުތަކާ މުޅިން ޚިލާފަށް، ޕީއެންސީ ސަރުކާރުން 2023 އިން ފެށިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ކަނޑުން ހިއްކާ 500 ހެކްޓަރުގެ ބިމެއް ކަމަށްވާއިރު، މީގެ އެކުއިޒިޝަން ކޮސްޓް (އެޑްވާންސް އިންވެސްޓްމަންޓް) ގެ ގޮތުގައި 500 މިލިއަން ޑޮލަރު ދައުލަތަށް ވަނީ ކަށަވަރުވެފައެވެ. އަދި ކުއްޔަށްދޭ ތަންތަނުން 10 އިންސައްތަ އަދި ދެވަނަ ފަހަރަށް ވިއްކާލާ ކޮންމެ ފަހަރަކު 4 އިންސައްތަ ދައުލަތަށް ލިބޭ އޮނިގަނޑެއްގެ ދަށުން، ފުރަތަމަ 10 އަހަރު ތެރޭގައި އެކަނިވެސް 3.1 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ދައުލަތުގެ ޚަޒާނާއަށް ލިބިގެންދާނެއެވެ.
މި ބޮޑު ފަރަގުން ދޭހަކޮށްދެނީ، ރަސްމާލެ މަޝްރޫއަކީ މުއްސަނދިންގެ ޕްރައިވެޓް ބޭނުންތަކަށް ފަޅުތައް ހުސްކޮށްލުމުގެ ސަގާފަތް ނައްތާލައި، އާންމު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ، ކުރީގެ މަޝްރޫއުތަކަށްވުރެ މާ ފުރިހަމަ، އަދި ދައުލަތަށް ލިބޭނެ ފައިސާގެ ގޮތުން ބަލާއިރުވެސް މާ ރަނގަޅު މަޝްރޫއެއް ކަމެވެ.









