އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދެއްކުމަށް ޕޯޑިއަމްއަށް އެރުމާއެކު، ދިވެހިރާއްޖޭގެ ރަސްމީ ވަފުދުން ޖަލްސާ ބޮއިކޮޓްކޮށް، ހޯލުން ބޭރަށް ނުކުމެއްޖެއެވެ. ނިއުޔޯކުގައި މިހާރު ކުރިއަށްދާ މި ސެޝަނުގައި ރާއްޖޭގެ ވަފުދުން ކުއްލި ގޮތަކަށް މާލަން ދޫކޮށް ނުކުތީ، ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަކުރުމުގެ ގޮތުންނެވެ.
ނަތަންޔާހޫ ވާހަކަދައްކަން ފެށި ވަގުތު ރާއްޖޭގެ ވަފުދުގެ އިތުރުން އަރަބި، އިސްލާމީ އަދި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ގައުމުތަކުގެ ސަފީރުންނާއި މަންދޫބުން ވެސް ވަނީ މާލަން ދޫކޮށް ބޭރަށް ނުކުމެފައެވެ. މިއާއެކު ނަތަންޔާހޫއަށް ވާހަކަދައްކަން ޖެހުނީ ގިނަ އަދަދެއްގެ ގޮނޑިތައް ހުސްކޮށް އޮތް، މުޅިން ފަޅުވެފައިވާ މާލަމެއްގައެވެ. ބައެއް ގައުމުތަކުގެ މަންދޫބުން ހޯލުން ނުކުމެގެން ދިޔަ ވަގުތު އިޒްރޭލާ ދެކޮޅަށް އަޑުއުފުލައި ހެދި ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި އަބަދުވެސް ވަކާލާތު ކުރަމުންދަނީ ފަލަސްތީނުގެ މިނިވަންކަމަށާއި، އިޒްރޭލުން ހިންގާ ލޭއޮހޮރުވުންތައް ވަގުތުން ހުއްޓާލުމަށެވެ.








