ރާއްޖޭގައި މަކަރާއި ހީލާތުން ހިންގާ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި، މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ފާހަގަކޮށްލެވޭ ފަދަ "ގްލޯބަލް ބެސްޓް" ނަތީޖާއެއް ހޯދެމުންދާ ކަމަށް ދިވެހި ފުލުހުން ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ސްކޭމްގެ ޖުމްލަ 15,084 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި މިފަދަ ކުށްތަކުގެ ޝިކާރައަކަށް 15,080 ދިވެހި ރައްޔިތުން ވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. މި މައްސަލަތަކުގައި ރައްޔިތުންގެ އަތުން ޖުމްލަ 15 މިލިއަނަށްވުރެ ގިނަ ރުފިޔާ (15,067,763.83 ރުފިޔާ) ފޭރިގަނެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، އެންޓި-ސްކޭމް ސެންޓަރާއި ފުލުހުން ގުޅިގެން ކުރި ހަލުވި މަސައްކަތްތަކުގެ ސަބަބުން، ގެއްލުނު ފައިސާގެ ބޮޑު ބައެއް ވަނީ އަނބުރާ ހޯދައިދެވިފައެވެ. އެގޮތުން، މިހާތަނަށް 6.6 މިލިއަން ރުފިޔާ ސްކޭމްވި ފަރާތްތަކަށް އަނބުރާ ހޯދަދީފައިވާއިރު، މިއީ ގެއްލުންވި ފައިސާގެ ނިސްބަތަށް ބަލާއިރު 44.3 އިންސައްތައެވެ. ފުލުހުން ވިދާޅުވިގޮތުގައި، މި ނިސްބަތަކީ ބައިނަލްއަގްވާމީ މައިދާނުގައިވެސް ނަމޫނާއަކަށް ބަލައިގަނެވޭ ފަދަ ކާމިޔާބީއެކެވެ.
މި މަސައްކަތުގެ ތެރެއިން، 852 ރައްޔިތެއްގެ އަތުން ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ރައްދުކޮށްދެވިފައިވާއިރު، އިތުރު 320 ރައްޔިތެއްގެ އަތުން ގެއްލުނު ފައިސާގެ ބައެއްވެސް ވަނީ އަނބުރާ ރައްދުކޮށްދެވިފައެވެ. ސްކޭމްގެ ވިއުގަތައް ހުއްޓުވުމަށްޓަކައި، މި މުއްދަތުގެ ތެރޭގައި 283 އެކައުންޓަކާ ދޭތެރޭ 48 ގަޑިއިރު ތެރޭގައި ފްރީޒްކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، ކޯޓު އަމުރާއެކު އިތުރު 535 އެކައުންޓެއް ވަނީ ތިން މަސްދުވަހަށް ފްރީޒްކޮށްފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ސްކޭމް ނެޓްވޯކްތަކުގައި ހަރަކާތްތެރިވާ 53 ފަރާތެއް މިހާތަނަށް ހައްޔަރުކޮށް، ޝަރީއަތުގެ މަރުހަލާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޢާންމުން ހޭލުންތެރިކުރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޯޓުޑޯ ސެޝަންތަކާއި 7,000 އަށްވުރެ ގިނަ އެވެއަރނަސް މެޓީރިއަލް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.









