ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ ދެނެގަތުމަށްޓަކައި އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށްގެންދަވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އިތުރު 4 ސްޓޭޝަނެއް ބަހައްޓައި ނިންމާލެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މައުލޫމާތު ދެއްވި ގޮތުގައި، އިރުވައި މޫސުން ފެށުމާއެކު ރާއްޖެއަށް ދުންފިނީގެ (ހޭޒް) މައްސަލަ ބޮޑުވެ، ވިސިބިލިޓީ ދަށްވުމުގެ ނުރައްކާ އަނެއްކާވެސް ބޮޑުވެގެންދާނެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެންމެ މުހިންމު ކަމަކީ މާހައުލުގެ ވައިގެ ސާފުކަން ހުރި މިންވަރު މެދުކެނޑުމެއްނެތް ގޮތެއްގައި ދެނެގަނެ، އެ މައުލޫމާތު އާންމުންނަށް ހާމަކުރުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދެން މީގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ބޮޑަށް މި އެއާގެ، ވައިގެ ކޮލިޓީ ހުރި މިންވަރު ބަލާފައި އާންމުންނަށް އޭތި ނަގާގަނެވި، މި ކިހާ ސޭފްޓީ މިންގަނޑެއްގައި މިއަދުގެ ވައިގެ ކޮލިޓީ ހުރިތޯ؟ ނެތްތޯ؟ އެ މައުލޫމާތު ކޮންޓިނިއުއަސްލީ ފޯރުކޮށްދެވުނީމާ އަޅުގަނޑުމެންނަށް އޭތީގައި ދޭންޖެހޭ ބައެއް އެޑްވައިޒަރީތައް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ނެރެވޭނީ،"
ވަޒީރު އަލީ ޝަރީފް
އަލަށް ބަހައްޓާ ސްޓޭޝަންތަކުގެ ތެރެއިން މާލޭގެ ގަލޮޅުގައި ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ކުރިއާ ހިލާފަށް މިފަހަރު ގާއިމުކުރެވޭ ސްޓޭޝަންތަކުގައި އާންމުންނަށް ސީދާ ފެންނާނެހެން ވައިގެ ކޮލިޓީ ވަގުތުން ދައްކުވައިދޭ ޑިސްޕްލޭ ބޯޑުތައް ހަރުކުރެވިގެންދާނެއެވެ. މިއީ ސިއްހީ އިދާރާތަކުން ނެރޭ ރައްކާތެރިކަމުގެ އެޑްވައިޒަރީތައް ސީދާ މައުލޫމާތުގެ އަލީގައި ނެރުމަށް އެހީތެރިވެދޭނެ ނިޒާމެކެވެ.
މީގެއިތުރުން، މިހާރުވެސް ރާއްޖޭގެ 6 ސަރަހައްދެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރެވި، މޮނިޓަރ ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއެވެ. އޭގެ ތެރޭގައި ކ. ވިލިނގިލި، ށ. ފުނަދޫ، ލ. ގަން، ދ. ކުޑަހުވަދޫގެ އިތުރުން ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.









