އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި، އިރަނު “ސުންނާފަތިކޮށްލަން” ޖެހިދާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ރައްދު ދެއްވައިފިއެވެ. ޕީޒިޝްކިއާން ވިދާޅުވީ، އެމެރިކާގެ ބިރުދެއްކުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ދުވަހަކުވެސް "ކުޑަކަކޫ ނުޖަހާނެ" ކަމަށެވެ.
ޕީޒިޝްކިއާން ވަނީ އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ބޭނުންކުރަން ނުވާނެ ފަދަ ބިރުދެއްކުމުގެ ސިޔާސަތެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ.
މި ތަޤުރީރުގައި ޕީޒިޝްކިއާން ވަނީ އީރާނަކީ ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރައްވައި، އެމެރިކާ އާއި އިޒުރޭލުގެ ޢަސްކަރީ ޙަމަލާތަކުގައި މަރުވި ޢާންމުންނާއި ކުޑަކުދިންގެ ފޮޓޯތައް ދައްކާލާފައެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއިން އީރާނަށް ޕްރެޝަރު ބޮޑުކުރި ވަރަކަށް އެ ޤައުމުގެ ދިފާޢީ ޢަޒުމް އިތުރަށް ވަރުގަދަވާނެ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ހުޅަނގުގެ ބައެއް ޑިޕްލޮމެޓުންނާއި އެމެރިކާގެ ވަފުދުގެ ބައެއް ބޭފުޅުން ވަނީ ޖަލްސާގެ ތަޅުން ދޫކޮށް ބޭރަށް ވަޑައިގަންނަވާފައެވެ. ނަމަވެސް، މި ހަރުކަށި ބަހުގެ ޙަމަލާތަކުގެ ބޭރުން، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ މަގު މުޅިން ބަންދުވެފައި ނުވާކަމުގެ އިޝާރާތްތަކެއް ވަނީ ލިބިފައެވެ.
ރައީސް ޕީޒިޝްލިއާން ވިދާޅުވީ އީރާނުން އަދިވެސް ޑިޕްލޮމެޓިކް ޙައްލަކަށް އަދި މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށެވެ. ހަމައެއާއެކު، އެމެރިކާގެ ރައީސް ޓްރަމްޕްވެސް ވަނީ އދ. ގެ ހަވާސާގައި ދެ ޤައުމުގެ އިސް ވަފުދުތަކުގެ މެދުގައި ތިން ގަޑިއިރެއްހާއިރުގެ ބައްދަލުވުމެއް ބޭއްވުނުކަން ހާމަކުރައްވައި، އިންތިޚާބަށްފަހު އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ.









