ދުނިޔެއަށް ކުރިމަތިވެފައިވާ ސުޕަ އެލް ނީނޯގެ ސަބަބުން އާދަޔާ ހިލާފު ގަދަ ހޫނެއް ފެންނަމުންދާއިރު، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 451,000 އަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން އިންޒާރު ދީފިއެވެ. މި ދިރާސާއިން ފާހަގަކުރާގޮތުގައި، މި ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމު ކަމަށްވާ އިންޑިއާއިން އެކަނިވެސް 15,800 މީހުން މަރުވުން އެކަށީގެންވެއެވެ. އިންޑިއާގައި މިފަދަ މަރުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިނގާނެ ކަމަށް ލަފާކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށެވެ.
އެލް ނީނޯ އުފެދެނީ ކޮންމެ ދެ އަހަރަކުން ނުވަތަ ހަތް އަހަރަކުން އެއްފަހަރު އިރުމަތީ ޕެސިފިކް ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދިއުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ވިޔަފާރި ވައި (ޓްރޭޑް ވިންޑްސް) ބަލިކަށިވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްސާރަވުމާއި ހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މޫސުމީ މާހިރުން ބުނާގޮތުގައި މި ހާލަތު 12 މަސްދުވަހަށް ދެމިގެންދާނެއެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެމްއޯ) އިން އިންޒާރު ދީފައިވާ ގޮތުގައި، މި އަހަރުގެ އެލް ނީނޯއަކީ ރެކޯޑްތައް ބަލަން ފެށުނު ފަހުން އައި އެންމެ ބާރުގަދަ އަދި އާދަޔާ ހިލާފު ހޫނުމިނެއް ތަހައްމަލު ކުރަންޖެހޭނެ އަހަރަކަށް ވެދާނެއެވެ. މިދިޔަ ޖޫން މަހު ފެށި އެލް ނީނޯގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ ބިމުގެ ހޫނުމިން އާންމު މިންގަނޑަށްވުރެ 1.2 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ކްލައިމެޓް އިމްޕެކްޓް ލެބުން ހެދި މި ދިރާސާގައި ފާހަގަކޮށްފައިވާގޮތުގައި، މިހާރު ތަހައްމަލު ކުރަންޖެހޭ އާދަޔާ ހިލާފު ހޫނުމިނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީގެ 20 އަހަރު ފަހުން ކުރިމަތިވާނެ ކަމަށް މީގެ ކުރިން ލަފާކުރެވުނު ހޫނުމިނެކެވެ. މީގެ ސަބަބުން އާންމު އަހަރަކަށްވުރެ ހޫނު ދުވަސްތައް 44 އިންސައްތަ އިތުރުވާނެ ކަމަށް ބެލެވެއިރު، މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށެވެ.
ދިރާސާގައި ވަނީ މި ބޮޑު ނުރައްކަލުން ސަލާމަތްވުމަށް ބައެއް ހައްލުތައްވެސް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ބޮޑަށް ނުރައްކާ އޮތް ސަރަހައްދުތަކަށް ކުއްލި އެހީތެރިކަން ފޯރުކޮށްދީ، ހާލަތަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުން ހިމެނެއެވެ. ހޫނުގެ އިންޒާރު ދިނުމާއި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހިޔާވާނެ ފިނި ތަންތަނާއި ފެން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. މިފަދަ ފިޔަވަޅުތަކެއް އެޅުމުން އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.
އެލް ނީނޯގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 451,000 މީހުން މަރުވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ނޭޕާލަށް ދާދިފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި ނުވަތަ ގެއްލުނު ކަމަށް ބެލެވޭ މީހުންގެ އަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް 65 ގުނަ އިތުރު އަދަދެކެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން އަވަސް އަދި ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ދިރާސާވެރިން ވަނީ އިލްތިމާސްކޮށްފައެވެ.









