ދުނިޔޭގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ފުރިހަމަ ބާރު މިހާރު ސުޕަޕަވަރުންގެ އަތްމަތީގައި ނެތްކަން ސާބިތުވެފައިވާ ކަމަށް، ނިއުޔޯކުގައި މިހާރު ކުރިޔަށްދާ އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ބޮޑެތި ބާރުތަކުގެ އަސްކަރީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ބާރުތަކަކީ ހުރިހާ ކަމެއްގެ ޙައްލު ނޫންކަން މިއަދުގެ ދުނިޔޭގެ ޙާލަތުން ދައްކުވައިދޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސުޕަޕަވަރުން އެމީހުންގެ ބާރަކީ ހުރިހާ ކަމެއްގެ މައްޗަށް ހިނގާނެ އެއްޗެއް ނޫންކަން ގަބޫލުކުރަން ޖެހިފައިވާ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ހަމައެކަނި އަސްކަރީ ބާރު ބޭނުންކޮށްގެން ދުނިޔޭގައި ސުލްޙަ މަސަލަސްކަން ގާއިމެއް ނުކުރެވޭނެކަން ފާހަގަކުރައްވަމުން، ބާރުގަދަ ޤައުމުތަކުން ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން ދުނިޔޭގެ މަސްރަޙު އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހުރި ރެނދުތައް މިހާރު ވަނީ ވަރަށް ބޮޑަށް ފުންވެ، ބައިބައިވުން އިތުރުވެފައެވެ. ބޮޑެތި ބާރުތަކުން އަމިއްލަ އެދުން އިސްކުރުން ހުއްޓާލައި، އެކަކު އަނެކަކަށް ބަރޯސާވާ ބައިނަލްއަގުވާމީ ނިޒާމެއް ބިނާކޮށްގެން މެނުވީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުން ސަލާމަތް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ.