ދަރިއަކު ލިބުމަށްފަހު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ޓްރޯލްކޮށް ފާޑުކިޔާ ފަރާތްތަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން ރައްދުދީފިއެވެ.
ބިގް ބޮސް 20 ގެ އެންމެ ފަހުގެ އެޕިސޯޑުގައި ވާހަކަދައްކަމުން އޭނާ ވަނީ، މާބަނޑުވުމަށްފަހު އަންހެނުންނަށް އަމާޒުކޮށް އިންޓަނެޓުގައި ފާޑުކިޔައި މަލާމާތްކުރަނީ ކީއްވެގެންތޯ ސުވާލު އަހާފައެވެ. އަދި މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު ހަށިގަނޑު ފަލަވުމަކީ ގުދުރަތީ އަދި އާންމު ކަމެއްކަން ފާހަގަކޮށް، އެމީހުން އަލުން ފިލްމީ ދާއިރާއަށް ނުކުންނައިރު ހަށިގަނޑު ކުރީގެ ގޮތަށް ފިޓްކޮށްލާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ސަލްމާން ހާން މި ވާހަކަތައް ދައްކާފައިވަނީ މުމްބާއީގައި އަންބާނީ އާއިލާއިން ބޭއްވި ހަފުލާއަށް ކެޓްރީނާ ހާޒިރުވުމުން އޭނާއަށް އަމާޒުވި ފާޑުކިޔުންތަކަކާ ގުޅިގެންނެވެ. އެ ހަފުލާގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ބައެއް މީހުން ވަނީ ކެޓްރީނާގެ ސިފައަށް ފާޑުކިޔައި، އޭނާގެ ކުރީގެ ފޮޓޯތަކާ މިހާރުގެ ފޮޓޯތައް އަޅާކިޔާފައެވެ.
ކެޓްރީނާއާއި އޭނާގެ ފިރިމީހާ ވިކީ ކޯޝަލްއަށް ފުރަތަމަ ދަރިފުޅު ވިހާން ކޯޝަލް ލިބިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ބިގް ބޮސް ޝޯގައި ވާހަކަދައްކަމުން ސަލްމާން ވަނީ އިންޓަނެޓުގައި މީހުންގެ ހަށިގަނޑަށާއި އުމުރަށް މަލާމާތްކުރުމުގެ ނުބައި އާދައަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ދަރިއަކު ލިބުމުން، އަންހެނުން ވަގުތުން ފިލްމީ މަސައްކަތްތަކަށް ނުކުތުމުގެ ބަދަލުގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން ކެޓްރީނާ ކައިފް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ސަލްމާންގެ މި ވާހަކަތަކަށްފަހު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.




