ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން ގުޅިގެން ހިންގާ ބޯޑަރު ހުރަސްކޮށް ފައިސާ ފޮނުވުމުގެ ޑިޖިޓަލް މަޝްރޫއު، "އެމްބްރިޖް" ޕްރޮޖެކްޓުގައި ސައޫދީ އަރަބިއްޔާއިން ކުރިއަށްގެންދިޔަ ޓެކްނިކަލް ޓެސްޓުތައް ނިމުމަކަށް ގެނެސް، އެގައުމުން އެ ނިޒާމުން ރަސްމީކޮށް ވަކިވެފައިވާކަން ބައިނަލްއަގުވާމީ މީޑިއާތަކުން މިއަދު ހާމަކޮށްފިއެވެ.
ޗައިނާގެ އިސްނެގުމާއެކު ބޭންކް ފޯ އިންޓަނޭޝަނަލް ސެޓްލްމަންޓްސް (ބީ.އައި.އެސް) އިން ވިލަރެސްކުރާ މި މަޝްރޫއަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޑޮލަރާއި ސްވިފްޓް ނިޒާމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މާ އަވަހަށް އަދި އަގުހެޔޮކޮށް މުއާމަލާތްތައް ކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
ސައޫދީ އަރަބިއްޔާ މި މަޝްރޫއުގެ ފުރިހަމަ ބައިވެރިއަކަށް ވެފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.
ސައޫދީ އަރަބިއްޔާގެ މަރުކަޒީ ބޭންކް އިން ރަސްމީކޮށް ބުނެފައިވަނީ، އެގައުމުން މި މަޝްރޫއުން ވަކިވީ ކުރިންވެސް ރާވާފައި އޮތް ރޭވުމާ އެއްގޮތަށް ކަމަށެވެ.
ސައޫދީން ހާމަކުރި ގޮތުގައި 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އެގައުމުން ވަނީ މި ނިޒާމާ ގުޅޭގޮތުން ހަދަންޖެހޭ ހުރިހާ ޓެކްނިކަލް ޓެސްޓުތަކާއި ދިރާސާތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
އެހެންކަމުން، އެ މަރުހަލާ ނިމުމަކަށް އައުމާއެކު ޕްރޮޖެކްޓުން ވަކިވުމަކީ ކުރިންވެސް ނިންމާފައިވާ އިޖުރާއާތެކެވެ.
އެހެންނަމަވެސް، މާލީ އަދި ޖިއޯޕޮލިޓިކަލް ދާއިރާގެ މާހިރުން ދެކޭގޮތުގައި ސައޫދީގެ މި ނިންމުމަކީ ވޮޝިންގްޓަނާއި ރިޔާޟާ ދެމެދު އޮންނަ ޒަމާންވީ އިގްތިސާދީ އަދި ސަލާމަތީ ގުޅުން ދެމެހެއްޓުމަށް އެޅުނު ފިޔަވަޅެކެވެ. ހާއްސަކޮށް، ޑޭޓާ ރައްކާތެރިކުރުމުގެ މިންގަނޑުތަކާއި، ބައިނަލްއަގުވާމީ މާލީ ގަވާއިދުތަކަށް ފެތުމުގައި ހުރި ގޮންޖެހުންތަކުގެ އިތުރުން، އެމެރިކާގެ ފިއްތުންތަކުން ސަލާމަތްވުމަކީ ވެސް މި ނިންމުމުގެ ފަހަތުގައިވާ ސަބަބުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައޫދީ ވަކިވި ނަމަވެސް، ޗައިނާ، ހޮންކޮންގް، ތައިލޭންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަދިވެސް ދަނީ މި މަޝްރޫއާއިގެން ކުރިޔަށެވެ.









