ރާއްޖޭގައި ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތަކާއި، މަގުމަތީގެ އަމަންއާމާންކަމަށް ނުރައްކާވާ ފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އެގޮތުން، ގޭންގުތަކުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި ފުލުހުންގެ ހާއްސަ ޔުނިޓެއް މެދުވެރިކޮށް މާލެއިން 13 ސަރަހައްދާއި ހުޅުމާލެއިން 12 ސަރަހައްދެއް ހިމެނޭހެން ޖުމްލަ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރ ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
ކުރިން ގޭންގުތައް ހަދައިގެން ކުށްކުރުމުގައި އުޅުނު ފަރާތްތަކަށް އެފަދަ ސަރަހައްދުތަކަށް އައިސް މަޑުނުކުރެވޭ ވަރަށް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ، ދަތިކުރަމުންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ހާއްސަކޮށް މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ކުރީގެ އާދަތަކަށް ބިނާކޮށް ގޭންގުތަކަށް އެއްވެ ނޫޅެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި އޮޕަރޭޝަންތަކުގެ އަމަލީ މަސައްކަތްތަކުގެ ތ่ެރެއިން، މުޖުތަމައުގެ ނިޒާމާއި މަގުމަތީގެ ސާފުތާހިރުކަމަށް ބުރޫއަރާ ކަންކަން ނައްތާލުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 344 ތަނެއްގައި ކުރަހާފައިހުރި ގްރެފިޓީ ފުހެލާފައިވާ އިރު، ބެންޗު ހަދައިގެން މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ޖޯލިފަތި ޖަހައިގެން ހުންނަ 75 ތަނެއް ވަނީ ސާފުކޮށް ނައްތާލާފައެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މަގުމަތީގެ މާހައުލު އާންމު ރައްޔިތުންނަށް އަމާން، ހިތްފަސޭހަ ތަނަކަށް ބަދަލުވަމުންދާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.









