މުލިޔާގޭގައި ކަރޯކޭ ޖައްސާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މުލިޔާގޭގައި ކަރޯކޭ ތަނެއް ނުވަތަ އެފަދަ ތަނެއް ވެސް ނުހުންނާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މެޑަމް ސާޖިދާގެ ކަރޯކޭ ކުޅުއްވާ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފެތުރިއެވެ. އަދި އެކަމާއި ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒުގެ ކުރީގެ އަނބިކަނބަލުންނާއި ގުޅުވައި ފިތުނަ އުފެއްދިއެވެ.
ޚުލާސާއަށް އެނގިފައިވާ ގޮތުގައި މެޑަމް ސާޖިދާ ދުވަހަކުވެސް އެބާވަތުގެ ކަމެއްގައި އުޅުއްވާފައެއް ނެތެވެ. އެންމެ ޅަފުރައިގެ އުމުރުން ފެށިގެން ބޮޑުވެފައިވަނީ ޢާއިލާއާއެކު ގޭތެރޭގައެވެ. އެކަމަނާގެ ބައްޕާފުޅަކީ މިރާއްޖޭގައި އުފެދުނު އެންމެ ތަޤުވާވެރި އެއް ދީނީ ޢިލްމުވެރިޔާކަން ވެސް ފާހަގަ ކުރެވެއެވެ/
އެހެންކަމުން ބެލެވޭ ގޮތުގައި މެޑަމް ސާޖިދާއާއި ގުޅުވައި އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދެއްކީ އެކަމަނާއާއި ގުޅުވައި ދެއްކޭނެ ވާހަކައެއް ނެތުމުން ހަމައެކަނި ފިތުނަ އުފެއްދުމަށެވެ.
މިރޭ ސަންގުޓީވީއަށް ދެއްވި ބަސްދީގަތުމުގައި ، މުލިޔާގޭގައި ކަރޯކޭ ޖެއްސުމަށް އަގުބޮޑު ސިސްޓަމެއް ވައްދާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އަޑުއިވިފަ ހުދު ރައީސް ވެސް ހައިރާންވެވަޑައިގަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.









