ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި، ސައޫދީއަށް ވާގިވެރިވާ ލަޝްކަރުތަކުގެ ސަތޭކައަށްވުރެ ގިނަ ސިފައިން މަރުވެ އަދި ޒަހަމްވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަޙްޔާ ސަރީޢު ހާމަކުރެއްވި ގޮތުގައި، މި ބޮޑު ގެއްލުން ދީފައިވަނީ ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހުރި ސައޫދީ ކޯލިޝަނުގެ އަސްކަރީ މަރުކަޒުތަކަށާއި ކޭމްޕުތަކަށް އަމާޒުކޮށް ފަހަކަށް އައިސް ދިން ވަރުގަދަ ހަމަލާތަކުގައެވެ.

މި ހަމަލާތަކުގައި ހޫޘީން ވަނީ ބެލިސްޓިކް މިސައިލާއި ލިބޭން ހުރި އެންމެ ޒަމާނީ ޑްރޯންތައް ބޭނުންކޮށްގެން ދުޝްމަނުންގެ ސަފުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށް އެމީހުން ބުނެއެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މައުރިބް، ޙަޟްރަމައުތު، އަދި ޝަބްވާ ފަދަ މުހިންމު ސަރަހައްދުތަކުގައި ހިނގި ކުރިމަތިލުންތަކުގައި ސައޫދީ ކޯލިޝަނުގެ މަތީ ފަންތީގެ އޮފިސަރުންނާއި ކޮމާންޑަރުން ވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން ސައޫދީން މަދަދު ދެމުންދާ ފަރާތްތަކުން ގެންގުޅުނު 10 އަށްވުރެ ގިނަ އަސްކަރީ އުޅަނދާއި ހަތިޔާރު ގުދަންތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާނެ ކަމަށް ވެސް ހޫޘީންގެ ބަޔާނުގައި ވެއެވެ.