ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށާއި، ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި މޫސުން އަލިވާން ފަށާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާތީ ހޯމަ ދުވަހުގެ ފަހުންވެސް ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ. ކުރިއަށްއޮތް ދެ ދުވަހު މޫސުން މޯސްވާނެތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.









